ހިއްކާފައިނުވާ ޗަސްބިމަކުން ގޯތިދޫކުރާތީ އެކަމަށް މެމްބަރު އުޝާމް ނުރުހިއްޖެ

ހިއްކާފައިނުވާ ޗަސްބިމަކުން ގޯތިދޫކުރުމަށް ސަރުކާރުން ނިންމުމުން އެކަމާ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވީ ށ. ފޯކައިދޫއިން 2000 އަކަފޫޓުގެ 120 ގޯތި ދޫކުރުމަށް ރަށު ކައުންސިލުން އިއުލާންކުރުމާ ގުޅިގެންނެވެ.
ގޯތި ދޫކުރުމަށް ފޯކައިދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ މިމަހުގެ 25ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިއްކާފައިނުވާ ފަޅަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމުމުން އެމައްސަލަ ޖެއްސި ފަރާތްތައް މިއަދު މިތިބީ ވެރިކަމުގައި ކަމަށެވެ.
އަދި މިއަދު ސަރުކާރުން އިންތިޚާބަކާ ދިމާކޮށް ހިއްކާފައިނުވާ ޗަސްބިމަކުން ގޯތިދޫކުރުމަށް ނިންމާފައިވާ ކަމަށާއި ވެރިކަން ލިބުނީމަ ކުރިން ދެއްކި ވާހަކަތައް ހަނދާން ނުހުންނަ ކަމަށް ވިދާޅުވެ މެމްބަރު އުޝާމް ވަނީ ފާޑުވިދާޅުފައެވެ.
ރައީސުލްޖުމްހޫރިއްޔާ ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 7ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަ ކައުންސިލުން ވަނީ ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި ބެހޭގޮތުން ރައީސްއާ މަޝްވަރާކުރައްވާފައެވެ.
ރައީސް ވަނީ ގޯތި ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ފޯކައިދޫ ކައުންސިލަރުން ވަނީ ފޯކައިދޫއަކީ ކުރިން ވަރަ ށްބޮޑަށް އަޅާނުލައި ދޫކޮށްލެވިފައި އޮތް ރަށެއްނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ބާރު ސްޕީޑްގައި ކުރިޔަށްދާ ކަން ފާހަގަކުރައްވާފައެވެ.
ގޯތި ދޫކުރުމަށް ފޯކައިދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައިވާ ޝަރުތުތަކުގެ އިތުރުން ގޯއްޗަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓު ދޭ އުސޫލު ފަހުން އާންމު ކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ