ހޮޅުދޫ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ފަހުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ހޮޅުދޫ ދާއިރާއާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ ޕާޓީއިން ބުނެފަައިވަނީ، ޕްރައިމެރީއާއި ގުޅޭގޮތުން ޖުމްލަ 8 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށާއި އެ ޝަކުވާތަކަށް ބެލުމަށްފަހު އެދެ ދާއިރާގެ ވޯޓްފޮށި ގުނަން ނިންމާފައިވަނީ އެދާއިރާގެ ދެކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ހަނިކަމުން ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ، ހުށައެޅިފައިވާ 8 މައްސަލައިގެ ތެރެއިން ފުވައްމުލަކު ދެކުނު ދާއިރާގެ މައްސަލަ އިތުރަށް ބެލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުށައެޅިފައިވާ ބާކީ 5 މައްސަލަ އަކީ ބަލާނެ ތަނެއް ނެތް މައްސަލަތަކެއް ކަމުގައި އެބަޔާނުގައި ވެއެވެ.
އެމްޑީޕީ ޕްރައިމެރީއާއި ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ވޯޓުލާން ނުދާމީހުން ވޯޓުލީކަމަށް ބުނާ މައްސަލަތަކާއި، އެއް ފަހަރަށް ވުރެން ގިނައިން ވޯޓްލުމާއި، ވޯޓުކަރުދާސް ދެއްކިކަމަށް ބުނާ މައްސަލަތައް ހިމެނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 270 ވޯޓް ފޮށި ބަހައްޓައިގެން ހުކުރު ދުވަހު ކުރިއަށްދިޔަ އެމްޑީޕީ ޕްރައިމެރީގައި 86 ހާހަށްވުރެ ގިނަމީހުން ވޯޓްލުމަށް ޝަރުތު ހަމަވާކަމަށް އެމްޑީޕީއިން ބުނެފައި ވާއިރު، މިއީ ޕާޓީއެއްގެ ފަރާތުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕްރައިމެރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ