އެމެރިކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ

ކެލިފޯނިއާގެ ދެކުނުގައި އޮންނަ އެޑްވާޑްސް އެއާ ފޯސް ބޭހުން ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ބޮންއަޅާ ބޯޓެއް ވެއްޓި، ބޮއިން ކުންފުނީގެ ދެ މުވައްޒަފުން ހިމެނޭހެން އަށް މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އެ ގައުމުގެ ގަޑިން 11:20 ގައެވެ. އާންމުކޮށް ކުރިއަށްގެންދާ ޓެސްޓް މިޝަނެއްގައި އުޅެނިކޮށް މި ބޯޓު ވެއްޓުމާއެކު، ވަރަށް ދުރަށް ފެންނަ ވަރަށް ކަޅު ދުންގަނޑެއް މައްޗަށް އަރައިގެން ދިޔަ އެވެ.
ކާނަލް ޖޭމްސް ހޭއިސް ވިދާޅުވީ، މިއަދު އެޑްވާޑްސް އެއާ ފޯސް ބޭހަށް ކުރިމަތިވީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޓުގައި ތިބީ ސިފައިންނާއި، ސަރުކާރުގެ މަދަނީ މުވައްޒަފުންގެ އިތުރުން ސަރުކާރަށް މަސައްކަތްކޮށްދޭ ކޮންޓްރެކްޓަރުން ހިމެނޭ ޓީމެކެވެ.
މަރުވި މީހުންގެ އާއިލާތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމީހުންގެ ނަންތައް ހާމަކުރާނީ އާއިލާތަކަށް އެންގުމަށް ފަހު 24 ގަޑިއިރު ފަހުން ކަމަށް މިއަދު މެންދުރު ފަހު ބޭއްވި ބްރީފިންއެއްގައި ހޭއިސް ވިދާޅުވި އެވެ.
ހޭއިސް ވިދާޅުވި ގޮތުގައި ބޯޓު ވެއްޓިފައިވަނީ އެޑްވާޑްސް އެއާ ފޯސް ބޭހުގެ ރަންވޭ ސަރަހައްދަށެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ބޭހުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބީ-52 ބޯޓަކީ އެ ބޭހުގެ ރާޑަރު ޒަމާނީ ކުރުމުގެ ޕްރޮގްރާމަށް އެހީތެރިވަމުން ދިޔަ ބޯޓެއް ކަމަށާއި، ބޯޓު ވެއްޓުނީ ފުރިތަނާހެން ކަމަށެވެ. ބޯޓު ވެއްޓުމާއެކު އޭގައި ވަނީ އަލިފާން ރޯވެފަ އެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެކަން އެނގޭނީ 30 ދުވަހަށް ދެމިގެންދާނެ ތަހުގީގުތަކަށް ފަހުގަ އެވެ. އަދި ހާދިސާގެ ފުރިހަމަ ތަހުގީގެއް ނިންމުމަށް ހަ މަހަށް ވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށް ހޭއިސް ވިދާޅުވި އެވެ.
ބޮއިން ކުންފުނިން ނެރުނު ބަޔާނެއްގައި، ބޯޓުގައި ތިބި މީހުންގެ ތެރޭގައި އެ ކުންފުނީގެ ދެ މުވައްޒަފުން ހިމެނޭކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެމީހުންގެ އާއިލާތަކާ ގުޅަމުންދާ ކަމަށް ވެސް ބުންޏެވެ. 
ބޮއިން ބީ-52 ސްޓްރެޓޯފޯޓްރެސް ބޯޓަކީ 1950 ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ ބޯޓެކެވެ. މި ބޯޓަށް ކުރުކޮށް "ދަ ބަފް" ގެ ނަމުން ކިޔާ އުޅެ އެވެ.
ބީ-52 އަކީ ދުރު ރާސްތާގެ ސްޓްރެޓީޖިކް ބޮންއަޅާ ބޯޓެކެވެ. މި ބޯޓުތައް ދަނީ އީރާނުގައި އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ބޮން އެޅުމުގެ ހަމަލާތަކުގައި ބޭނުންކުރަމުންނެވެ.
އާންމު ފަސިންޖަރުން އުފުލާ ބޯޓުތައް 35،000 ފޫޓު މަތިން އުދުހޭއިރު، މި ބޯޓަށް 50،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިގެންވެ އެވެ. މި ބޯޓުގައި 32،000 ކިލޯގެ ހަތިޔާރު އުފުލޭއިރު، އޭގެ ތެރޭގައި އެތައް ސަތޭކަ އާންމު ބޮމާއި 32 ނިއުކްލިއާ ކްރޫޒް މިސައިލް ހިމެނެ އެވެ.
މި ބޯޓަކީ އުދުހެމުންދާއިރު ވައިގެ ތެރޭގައި ތެޔޮ އެޅޭ ބޯޓަކަށް ވުމުން، ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ހަމަލާދިނުމުގެ ގާބިލުކަން މި ބޯޓަށް ލިބިގެންވެ އެވެ. 
އާންމުގޮތެއްގައި މި ބޯޓުތަކުގައި ފަސް މީހުންގެ ކްރޫއެއް ތިބެ އެވެ. އެއީ އެއާކްރާފްޓް ކޮމާންޑަރަކާއި، ޕައިލެޓަކާއި، ރާޑަރު ނެވިގޭޓަރަކާއި، ނެވިގޭޓަރެއްގެ އިތުރުން އިލެކްޓްރޯނިކް ވޯފެއާ އޮފިސަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ