ބީ-52 ގެ ބިޔަ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން އެމެރިކާއަށް ޝޮކެއް!
ކެލިފޯނިއާ (16 ޖޫން 2026) : އެމެރިކާގެ އަސްކަރީ ސިނާއަތުގެ ފަޚުރުގެ ގޮތުގައި ބެލެވޭ އެއްބޯޓު ކަމަށްވާ ބީ52 ގެ ބިޔަ މަތިންދާބޯޓެއް ކުއްލި ގޮތަކަށް ވެއްޓި އޭގައިތިބި އަށް މީހުން މަރުވި މައްސަލާގައި އެމެރިކާގެ އަސްކަރިއްޔާ އަށާއި އެ ބޯޓު އުފެއްދި އެމެރިކާގެ ބޮއިންގް ކުންފުންޏަށް ޝޮކެއް ލިބިފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ. ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އަސްކަރިއްޔާއަށާއި އެ ބޯޓު އުފެއްދި ބޮއިންގް ކުންފުންޏަށް ޝޮކެއް ލިބިފައިވަނީ އެބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާތީއެވެ. އެ ބޯޓުގެ ގިނަ ބައިތައް ވަނީ މުޅިން އަނދައި ދެއްޔަށް ވެފައެވެ. ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ބިޔަ ބޯޓުގެ ބޮޑީ އާއި އިންޖީނުތަކުން ފެންނަން އޮތީ ވަރަށް ކުޑަ އެތިކޮޅުތަކެކެވެ. ދެންހުރީ މުޅިން ވެސް އަޅިއެވެ. މިހާތަނަށް ކުރި ތަހުގީގުތަކުން އެ ބޯޓު ވެއްޓުމަށް މެދުވެރިވި އެއްވެސް ސަބަބެއް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ބޯޓުގެ ކަޅުފޮށި ބޭނުންކޮށްގެން ކުރާ ޓެކްނިކަލް ތަހުގީގުތައް އަދި ކުރިއަށް ދާކަމަށް ވެއެވެ. އެމެރިކާގެ އަސްކަރީ ސިނާއަތުގެ ފަޚުރުގެ ގޮތުގައި ބެލެވޭ އެއްބޯޓު ކަމަށްވާ ބީ52 މަރުކާގެ އަށް އިންޖީނުލީ ބިޔަ މަތިންދާބޯޓެއް ވެއްޓުނީ ކެލިފޯނިއާގެ އަސްކަރީ ބޭސް އަކުން ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. ވެއްޓުނު ބޯޓު މުޅިން އަޅިއަށް ވެފައި ބޯޓު ދަތުރުކުރީ އަސްކަރީ ކޮންޓްރެކްޓަރުންނާއި މަދަނީ ކޮންޓްރެކްޓަރުން ގެ އިތުރުން ޕެންޓަގަންގެ މަސްއޫލުވެރިން ހިމެނޭ ޓީމަކާ އެކު ކުރިއަށްގެންދާ ތަޖުރިބާ ދަތުރެއްގައި ކެލިފޯނިއާގެ އެޑްވަޑްސް އެއާބޭސްއިން ނައްޓާލިތަނާއެވެ. ރިޕޯޓްތައް ބުނާގޮތުން ބީ-52 ސްޓްރެޓޯފޯޓްރެސްގެ ތަޖުރިބާ ދަތުރުފެށީ އޭގެ ރާޑަރު ޒަމާނީ ކުރުމުގެ މަސައްކަތަކާ ގުޅިގެންނެވެ. ބީ-52 ސްޓްރެޓޯފޯޓްރެސް ގެ ބޯޓުތަކަކީ 1950 ގެ އަހަރުތަކުގައި ފުރަތަމަ އުފެއްދި ބޯޓުތަކެކެވެ. އެދުވަސްވަރުން ފެށިގެން މިބާވަތުގެ ބޯޓުތައް ބޭނުންކުރަނީ ސްޓްރެޓީޖިކް ބޭނުންތަކުގައެވެ. ވިއެޓްނާމު ހަނގުރާމައިގާ އެގައުމުގެ ބޮޑެތި ތަންތަން ހަލާކު ކުރުމަށާއި އަފްޣާނިސްތާނުގެ ފަރުބަދަތައް ހަލާކު ކުރުމަށާއި އިރާގުގެ ތަންތަން ހަލާކުކުރުމަށާ އަދި ދާދިފަހުން އީރާން އާ ދެކޮޅަށް ކުރި ހަނގުރާމައިގާ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކުރުމަށްވެސް އެމެރިކާ ސިފައިން ބީ-52 ސްޓްރެޓޯފޯޓްރެސް ގެ ބޯޓުތައް ބޭނުންކޮށްފައި ވެއެވެ. މިއީ ނިއުކްލިޔާ ބޮން އެޅުމަށާއި ކުރޫޒް މިސައިލްއިން ހަމަލާދިނުމަށާ އަދި ބަންކާ ބަސްޓާބޮން ފަދަ ސްޓްރެޓީޖިކް ހަތިޔާރުން ހަމަލާދިނުމަށާއި އެފަދަ ބަރު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ ބޯޓެކެވެ. މިއީ އެބޯޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި 185 ފޫޓު ހުންނަ 8 އިންޖީނުލީ ޖެޓް ބޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ