ޔަހޫދީންނަށް އަދަބެއް ނުލިބުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްޠީނުގެ ސަރަޙައްދުތައް ހިފާ، އެ ޤައުމަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޔަހޫދީން ފުރިހަމައަށް ބޯލަނބާކަން ކަށަވަރުކުރުމަށާއި، އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ދައުރު އަދާކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި އިއްވި ބަޔާނުގައެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވަވާފައި ވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ރާއްޖެއިން ވަނީ ޔަހޫދީންގެ އަސްކަރީ ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ހަމައެހެންމެ، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުން ހުއްޓުވުމަށާއި، އަނިޔާ ލިބެމުންދާ އާންމުންނަށް ބޭނުންވާ އެހީތެރިކަމާއި އަދުލުވެރި ބަދަލު ހޯދައިދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ބާރު އަޅާފައެވެ.
ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށާއި، އަމިއްލަ މިނިވަންކަން ކަނޑައެޅުމުގެ ޙައްޤަށް އިޙްތިރާމްކޮށް، މި މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި އަދި ސުލްޙަވެރި ޙައްލެއް ހޯދުމަށް ބޭނުންވާ މާޙައުލެއް ޤާއިމުކުރުމަށް ގޮވާލާފައެވެ.
ރާއްޖޭގެ ބަޔާން ނިންމާލާފައި ވަނީ ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ޣައިރު ޤާނޫނީ އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ