ހުރާ ބަލިކޮށް ދިއްދޫން ކޮލިފިކޭޝަނުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި މިއަދު ހަވީރު ކުޅުނު މެޗުގައި 3-1 އިން ކ. ހުރާ ބަލިކޮށް، ހއ. ދިއްދޫން މި ބުރުގައި ދެ ވަަނަ މޮޅު ހޯދައިފި އެވެ. 
މި ނަތީޖާއާ އެކު، ކޮލިފިކޭޝަން ތާވަލުގެ އެއް ވަނައިގައި މި ވަގުތު އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ދިއްދޫ އެވެ. ދެ ވަނައިގައި މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް ކްލަބް އޮތްއިރު، އެ ޓީމަށް ލިބިފައިވަނީ، ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރަށް ދެ މެޗުން ހަތަރު ޕޮއިންޓެވެ. ހަތަރެއްގައި އޮތީ ސައުތު ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އެވެ. އެ ޓީމަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. 
ފަސް ވަނައިގައި އޮތް ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން، ހުރާ އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، އެ ޓީމަށް ކޮލިފިކޭޝަނުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. އަނެއްކޮޅުން، އެންމެ ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، މިރޭ ގްރީން ސްޓްރީޓްސް އަށް ޓީސީ ބަލިނުކުރެވިއްޖެނަމަ، ޕްރިމިއާ ލީގުގެ މަގާމު ދަމަހައްޓަން އަމިއްލަ ބާރު ގެއްލުމުގެ ފުުރުސަތު ބޮޑުވާނެ އެވެ. 
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 12 މިނިޓް ތެރޭ ދިއްދޫން ދެ ލަނޑު ޖެހި އެވެ. އެ ގޮތުން، ލީޑުނެގީ ތިން ވަނަ މިނިޓްގައި ޕެނަލްޓީ އަކުން، ބެނާޑް ވައްދާލި ގޯލުންނެވެ. މި ޕެނަލްޓީ ދިނީ ހުރާގެ ކީޕަރު މުހައްމަދު މާއިލް މޫސާ، އޭރިއާތެރެއިން ދިއްދޫގެ ސެއިންޓް ގުމްބާރީ އަށް ކުރި ފައުލަކަށެެވެ. ދެ ވަނަ ގޯލުގައި ގުމްބާރީ ދިން ބޯޅަ ބެނާޑް ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ. 
މެޗުގެ އެހާ ކުރީކޮޅުގައި ދިއްދޫން ދެ ގޯލުގެ ލީޑެއް ނެގުމުން، ފަހަތުން އަރައި އެއްވަރުުކުރަން ހުރާ އަށް ކުަރަން ޖެހުނު މަސައްކަތް އިތުރުވި އެވެ. އެހެން ނަމަވެސް، މެޗުގެ 27 ވަނަ މިިނިޓްގައި ލަނޑެއް ޖަހައި، ހުރާ އިން އުންމީދެއް ހޯދި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސާދު އަބްދުލްއަޒީޒް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އަރިމަތިން ބޯޅަ ހިފައިގެން މަޑުކޮށްލައިގެން ހުރުމަށް ފަހު ހުސް ޖާގައެއް ހޯދާލުމަށް ފަހު، އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. 
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ ދިއްދޫގެ ފަހަތަށް ކުޅެމުން އައި، ޖެރީ އޮމްބެބޭ އަށް ރަތެއް ދެއްކި އެވެ. އޭނާ އަށް ރަތް ކާޑެއް ދެއްކީ އެންމެ ފަހަތުގައި ހުރެފައި ހުރާގެ ސާދު އަށް ކުރި ފައުލަކަށެވެ. ކުޅުންތެރިއަކު މަދުކޮށް ރަނގަޅަށް ޑިފެންސް ކުރި ދިއްދޫން ވަނީ މެޗުގެ ފަހު ކޮޅުގައި ލިބުނު ފުރުސަތެއްގައި ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ދިއްދޫގެ ރަނގަޅު ކައުންޓަ އެޓޭކެއްގައި، މި ލަނޑު ޖަހައި، ހެޓްރިކް ހެދީ ބެނާޑް އެވެ. 
ކޮލިފިކޭޝަނުގައި ދިއްދޫ އަށް ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން ކުރެން އެއް މެޗުން މޮޅުވެގެން ވެސް އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދޭނެ އެވެ. ހަ ޓީމު ވާދަކުރާ ކޮލިފިކޭޝަނުގެ ގަދަ ހަތަރަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ