ހިމަބިއްސަށް ޕިޒިޓިވްވި މީހުން 20 އަށް، ގިނައީ ދިވެހިން

ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހި (މީސްލްސް) އަށް މި އަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. 
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު ފަސް ކޭސް ފެނި، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 20 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ. 
ހިމަބިއްސަށް ޕޮޒިޓިވްވި މީހުންނާ ޖުމްލަ 489 ކޮންޓެކްޓަކު ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 88 ކޮންޓެކްޓުން ދަނީ މޮނީޓާ ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުންޏެވެ. 
ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ބަލި ފެތުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އެޖެންސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. 
ބައްޔަށް ޕިޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ހިމަބހީގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާއިރު، މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވެ އެވެ. 
މީގެއިތުރުން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1،118 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވާއިރު، 18 އަހަރުން ދަށުގެ ކުދިންގެ ވެކްސިން ޑޯޒް ފުރިހަމަ ނުވާ ކުދިންނަށް އަމަޒުކޮށް ވެކްސިން ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ. 
"ބަލިތައް ވެކްސިން ޖަހައިގެން ނައްތާލެވުނީމަ ގިނަ ފަހަރަށް މީހުން އޭގެ މަތިން ހަނދާން ނެތޭ، ބަލި ނުފެންނަން ފެށީމަ. ދެން ވެކްސިން ޖަހައިގެން ތަދުވުމާއި ހުންއައުން، މިކަހަލަ ކުދި ކުދި ކަންކަމަށް މާބޮޑަށް ވިސްނާ. ވެކްސިން އިން ލިބޭ ފައިދާއަށްވުރެ ބޮޑަށް މިކަންކަމަށް ވިސްނަނީ"
ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ. 
މީގެއިތުރުން އެޗްޕީއޭއިން ބުނީ ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދޭ ކަމަށެވެ. 
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ