އިންޑިއާގައި ލީކުވި އިމްތިހާން އަލުން ހެދުމުގެ ކުރިން ޓެލެގްރާމް ބްލޮކް ކޮށްފި

މެޑިކަލް ކޮލެޖްތަކަށް ވަނުމަށް ބާއްވާ ގައުމީ އިމްތިހާނެއްގެ ޕޭޕަރު މިދިޔަ މަހު ލީކުވި މައްސަލައާ ގުޅިގެން، އެ އިމްތިހާން އަލުން ބޭއްވުމުގެ ކުރިން އިންޑިއާއިން ޓެލެގްރާމް މެސެންޖާ ވަގުތީ ގޮތުން ބްލޮކްކޮށްފި އެވެ.
މި ބޮޑު އިމްތިހާނުގައި މައްސަލަތައް ދިމާވުމާއި، ހައިސްކޫލް އިމްތިހާނުތަކުގެ މާކްސް ދިނުމުގައި ދިމާވި އެހެން މައްސަލައަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެ، އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް މިނިސްޓްރީން ވަނީ އަލުން އިމްތިހާން ބާއްވާ ހޯމަ ދުވަހާ ހަމައަށް ޓެލެގްރާމް ބޭނުންކުރުން ލިމިޓްކުރުމަށް އަމުރު ނެރެފަ އެވެ. އަދި ކުރިން ކޮށްފައިވާ ޕޯސްޓްތައް ބަދަލުކުރުމުގެ ފުރުސަތުދޭ 'މެސެޖް-އެޑިޓިން' ފީޗާ ޖޫން 30 ގެ ނިޔަލަށް ނުލިބޭނެ އެވެ.
"މި ދެ ފިޔަވަޅަކީ ވެސް އާންމު މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް. މިއީ މަކަރުހަދާ ގްރޫޕްތަކުން ކެންޑިޑޭޓުންނަށް އޮޅުވާލުމަށްޓަކައި މި ޕްލެޓްފޯމް ނާޖާއިޒު ގޮތުގައި ބޭނުންކުރާތީ އެޅި ފިޔަވަޅެއް،" އިންޑިއާގެ ނެޝަނަލް ޓެސްޓިންގ އެޖެންސީ (އެން.ޓީ.އޭ) އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ނެޝަނަލް އެލިޖިބިލިޓީ އެންޓްރަންސް ޓެސްޓް (ނީޓް) އަކީ އިންޑިއާގައި ބާއްވާ އެންމެ ވާދަވެރި އެއް އިމްތިހާނެވެ. މިއީ ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދެ މިލިއަނަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ އިމްތިހާނެކެވެ.
މެއި މަހު ބޭއްވި ނީޓް  އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމުގެ ތުހުމަތުތަކާ އެކު، އެ އިމްތިހާނު ވަނީ ބާތިލްކޮށްފަ އެވެ. މީގެ ތެރޭގައި ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށް ޕޭޕަރު ދައުރުވި ކަމުގެ ރިޕޯޓްތައް ވެސް ހިމެނެ އެވެ.
އިލެކްޓްރޯނިކްސް މިނިސްޓްރީގެ މި ނިންމުމަށް ރައްދު ދެއްވަމުން ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ދުރޯވް ވިދާޅުވީ، އެއް ހަފްތާގެ މި ފިޔަވަޅުން ވާނެ "އެއްވެސް ކަމެއް ނެތް" ކަމަށެވެ. މިކަމުގެ ސަބަބުން އަދަބު ލިބެނީ އިންޑިއާގައި ޓެލެގްރާމް ބޭނުންކުރާ 150 މިލިއަން އާންމު ރައްޔިތުންނަށް ކަމަށާއި މިއީ "އިމްތިހާނު ކަރުދާސްތައް ލީކުކޮށްލި މީހުންނަށް" ދެވޭ އަދަބެއް ނޫން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ލީކުތައް މިހާރު ވަނީ އެހެން އެޕްތަކަށް ބަދަލުވެފައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދުރޯވް ވިދާޅުވި އެވެ.
ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ 'އިންޓަނެޓް ފްރީޑަމް ފައުންޑޭޝަން' އިން ބުނި ގޮތުގައި، މިގޮތަށް އެޕްލިކޭޝަން ބްލޮކްކުރުމަކީ އިމްތިހާނުގައި މަކަރު ހެދުމުގެ މައްސަލައާ އެކަށީގެންނުވާ ބޮޑު ފިޔަވަޅެކެވެ.
ގައުމީ އިމްތިހާނުތަކުން ފާސްވުމަށް އޮންނަ ބޮޑު ޕްރެޝަރުގެ ސަބަބުން، އިންޑިއާގައި ކޯޗިން ސެންޓަރުތައް ހިންގުމަކީ ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއަކަށް ވަނީ ވެފަ އެވެ.
މި ވާދަވެރިކަމުގެ ސަބަބުން، ކާމިޔާބީ ހޯދުމަށްޓަކައި އަމިއްލަ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގުރުބާނީތަކެއް ވާންޖެހެ އެވެ. އެހެންވެ، އެންމެ ބޮޑު އަގުދޭ މީހަކަށް އިމްތިހާނު ކަރުދާސްތައް ވިއްކުމަށް މަސައްކަތްކުރާ ކުށްވެރިންގެ ނެޓްވޯކްތަކަށް ބޮޑު ފުރުސަތެއް އޮވެ އެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ މި ލީކުގެ ފަހަތުގައި ހުރި ކަމަށް ތުހުމަތުކުރެވޭ މޭސްތިރި ހައްޔަރުކޮށްފަ އެވެ. އޭނާއަކީ އެންޓީއޭގެ އިމްތިހާނު ކަންކަމުގައި އުޅޭ ކެމިސްޓްރީ ލެކްޗަރާއެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހޯމަ ދުވަހު މި މައްސަލައާ ގުޅޭ ވެބްސައިޓެއް ވެސް ލޯންޗުކޮށްފަ އެވެ. މި ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ނީޓް  އިމްތިހާނާ ގުޅުންހުރި "ޝައްކުކުރެވޭ ކަންކަމާއި، ހުއްދަނެތް ކޮންޓެންޓް ނުވަތަ މަކަރުވެރި ހަރަކާތްތައް" ރިޕޯޓްކުރެވޭނެ އެވެ.
އިންޑިއާގެ އެއާފޯސް ހެލިކޮޕްޓަރުތަކުން އަންގާރަ ދުވަހު އިމްތިހާނު ކަރުދާސްތައް އުފުލުމަށް ތައްޔާރުވަމުންދިޔަ މަންޒަރު ފެނިފައިވެ އެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މިއީ "ޕޭޕަރު ލީކުވުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށްޓަކައި" ކުރި ކަމެކެވެ.
އިގްތިސާދީ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އައި ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް އިންޑިއާގައި އެކަށީގެންވާ ވަޒީފާ ނުލިބި އެތައް މިލިއަން ބަޔަކު އެބަ އުޅެ އެވެ.  -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ