ޕޭޕަލް ފަދަ ބައިނަލްއަޤުވާމީ ގޮތުން މަޤުބޫލު ޑިޖިޓަލް ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށާއި އެކަން ކުރައްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ބޭނުންކުރެވޭ ގޮތް ހަދާފައިވަނީ ސަރުކާރާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. އުރީދޫއަށް މި ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ މިދިޔަ އަހަރު ލިބިފައިވާއިރު، މިހާރު އެމްފައިސާ މެދުވެރިކޮށް މި ޚިދުމަތް ލިބޭނެއެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ލިބުމަކީ އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ވަގުތުން ވަގުތަށް ފައިސާ ލިބުމުގެ ފުރުސަތު ހުޅުވި، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ހުއްޓާލުމަށް މަގުފަހިވާނެއެވެ.
"މިހާރު ޕޭޕަލް ރާއްޖެއަށް ތަޢާރަފްވެގެން މިދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ. ޕޭމަންޓްސް ރިސީވްވާނެ. ރިއަލްޓައިމް ސީމްލެސްކޮށް މަސައްކަތްވެސް ކުރާނެ. ވަރަށް ބޮޑު ކުރިއެރުމެއް ހަޤީގަތުގައި ފަހިވެގެން މިދިޔައީ." ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުން ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށްދާއިރު ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދުން ހޯދުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުބާރު ރާއްޖެއަށް ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ޕޭޕަލް މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުގައި ވިޔަފާރިކޮށް، ފަސޭހަކަމާއެކު އާމްދަނީ ހޯދުމުގެ އައު ދޮރުތަކެއް މިހާރު ވަނީ ހުޅުވިފައި ކަމަށް ސަރުކާރުން ބުނެއެވެ.
ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނަން - ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ