ޗިޕްސް ދަޅާއި ޗޮކްލެޓް ޕެކެޓުތަކެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޕޮޓޭޓޯ ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ވޭޕް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އެ އިދާރާ އިން މިރޭ ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް  ބެލެވިގެން އިއްޔެ އާއި މިދިޔަ އާދިއްތަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. 
އެ އޮޕަރޭޝަނުގައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. 
އެ ތަކެތީގެ ތެރެއިން 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ. 
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ.
އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖު މިިދިޔަ އެޕްރީލް މަހު ވެސް ކަސްޓަމްސް އިން އަތުލައިގަތެވެ. 
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާގެ އަދަދު 600 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން ކުރިން ބުނެފައިވެ އެވެ. 
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ