ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީން މަގާމު ދެމެހެއްޓުމުގެ ފުރުސަތު ބޮޑުކޮށްފި

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި މިރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބުން ފަސޭހަކަމާ އެކު، 3-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، އަންނަ ސީޒަނުގައި ވެސް ދިވެހި ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ. 
ކޮލިފިކޭޝަނުގައި މިރޭ ކުޅުނު މެޗަށް ފަހު، ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތީ ޓީސީ އެވެ. ދެ ވަނައިގައި އޮތީ މިއަދު ހަވީރު މޮޅުވި، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫން ހަތަރު ވަަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ. 
ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭއިރު، މި ވަގުތު ކޮލިފިކޭޝަނުގެ ފުލުގައި އޮތީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން. ކ. ހުރާ އާއި ގްރީން ސްޓްރީޓްސް އެވެ. ދެ ޓީމަށް ވެސް ތިން މެޗުން ލިބުނީ އެއް ޕޮއިންޓެވެ. އެއީ، އެ ދެ ޓީމު ކުޅުނު މެޗުން އެއްވަރުވެ، ލިބުނު ޕޮއިންޓެކެވެ. 
ޓީސީން ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން ބިސް ބުރުއާ އެއްވަރުވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވެސް ފަސޭހައިން މޮޅުވި އެވެ. އެއީ، ދިއްދޫ އާއި ގްރީން ސްޓްރީޓްސް އަތުންނެވެ. 
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ޓީސީން ނިންމާލީ އެއް ގޯލުން ކުރީގައި އޮވެގެންނެެވެ. އެއީ، 36 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އިބްރާހިމް ޖިމޯ ޖެހި ގޯލުންނެވެ. މެޗުގެ ބޮޑުބައި ޓީސީން އެއް ގޯލު ކުރީގައި އޮތްއިރު، ގްރީން ސްޓްރީޓްސް އިން އެއްވަރުކުރަން ކުރިއަށް ޖެހުނު ވަގުތު މެޗުގެ ފަހު ދިހަ މިނިޓް ތެރޭ ޓީސީން އިތުރު ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ، ގާނާ ފޯވާޑް، ޕްރިންސް ބޯޑު އާއި އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ. 
މި މެޗުން ބަލިވުމުން، އަންނަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި އޮންނަން ގްރީން ސްޓްރީޓްސް އަށް ވަނީ ވަރަށް ބޮޑަށް ފުރުސަތު ހަނިވެފަ އެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރަތަމަ ޑިވިޝަނުގެ ޖާގަ ދެމެހެއްޓުމުގެ ފުރުސަތެއް އޮތީ ދެން ކުޅޭ ދެ މެޗުން، ގައްދޫ އާއި ދިއްދޫ ބަލިކޮށްގެންނެވެ. 
ޓީސީން ބާކީ އޮތް ދެ މެޗުން އެއް މެޗު ކާމިޔާބު ކުރި ނަމަވެސް، ފުރަތަމަ ޑިވިޝަނުގެ ޖާގަ ޔަގީންވާނެ އެވެ. އަަދި، ކުރިއަށް ހުރި އެހެން މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތުން މިހާރު އޮތް ޕޮއިންޓްގެ އަދަދުން ވެސް ފުރަތަމަ ޑިވިޝަނުގައި އަންނަ ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ