ގޯއްޗާއި ފްލެޓަށް 58،505 އެޕްލިކޭޝަން ހުށަހަޅައިފި

ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ޕްރޮގްރާމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި 58،505 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. 
ހައުސިން މިނިސްޓްރީން ބުނީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ފްލެޓަށް ޖުމްލަ 35،930 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ބިމަށް ޖުމްލަ 22،575 އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. 
އާއިލީ ބޯހިޔާވެިކަން ޕްރޮގްރާމް: 
ގޯތިގެދޮރުގެ ޕްރޮގްރާމް:
ގޯއްޗާއި ފްލެޓަށް ރޭ މެންދަމު 12:00 އަށް އެޕްލިކޭޝަން  ހުށަހެޅުމުގެ ފުރުސަތު ހަމަވާ ގޮތަށް އޮއްވައި ޓެކްނިކަލް މައްސަލައެއް ދިމާވެ، ރޭ މެންދަމު 2:00 ޖަހަންދެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އިތުރުކުރި އެވެ. 
ބޯހިޔާވެހިކަން އެންމެންނަށް ސިޔާސަތުގެ ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި މާޗު 4، ގެ 23:59 ކަނޑައަޅާފައި އޮތްއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނެ ކަމަށް އޮތީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށެވެ.
އޭގެ ފަހުން އެޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ފަހު މެއި މަހުގެ ނިޔަލަށް ވެސް ސުންގަޑި ދަންމާލިއިރު، އެންމެފަހުން ރޭ މެންދަމު 2:00 ޖެހިއިރު މުއްދަތު ވަނީ ހަމަވެފަ އެވެ. 
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތަކާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސް އަދި އެހެނިހެން މުއައްސަސާތައް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ