މުބާރާތުގެ މެދުތެރެއިން ޓިއުނީޝިޔާ ކޯޗު ބަދަލުކޮށްފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެދުތެރެއިން ޓިއުނީޝިއާއިން ކޯޗު މަގާމުން ވަކިކޮށް އެ މަގާމަށް ހާވް ރެނާޑް ހަމަޖައްސައިފި އެވެ.
އެ ގައުމުން މުބާރާތް ފެށީ ކޯޗު ސަބްރީ ލަމޫޗީއާއެކުގަ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑްން އަތުން 5-1އިން ބަލިވުމުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ނުކުތް ދެ ވަނަ އަށް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
އުމުރުން 57 އަހަރުގެ ރެނާޑަކީ ވޯލްޑް ކަޕަށް ސައޫދީ އަރަބިއާ ކޮލިފައި ކޮށްދިން ކޯޗެވެ. އޭނާ ސައޫދީގެ ކޯޗުކަމުން ވަކިކުރީ ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގެ ނަތީޖާ ގޯސްވުމުންނެވެ.
އޭގެ ކުރިން އޭނާ ހުރީ ފްރާންސްގެ އަންހެން ޓީމުގެ ކޯޗަކަށެވެ. އެ މަގާމަށް އޭނާ ދިޔައީ ސައޫދީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.
މިއީ ވޯލްޑް ކަޕުގެ ތާރީހުގައި ވެސް މުބާރާތުގެ މެދުތެރެއިން ކޯޗު ބަދަލު ކުރި ފުރަތަމަ ފަހަރެވެ. ރެނާޑް ޓީމާ ހަވާލުވެ ފުރަތަމަ ޕްރެކްޓިސް ބާއްވާނީ މިއަދު ކަމަށް ވެސް ދުނިޔޭގެ މީޑިއާތަކުން ބުނެ އެވެ. މި މުބާރާތް ބވާނީ އޭނާގެ ތިން ވަނަ ވޯލްޑް ކަޕަށެވެ. މީގެ ކުރިން އޭނާ ވަނީ 2018 ވަނަ އަހަރު މޮރޮކޯ އަށް އެންމެ ފަހުގެ ވޯލްޑް ކަޕުގައި ސައޫދީ އަރަބިއާ އަށް ކޯޗު ކޮށްދީފަ އެވެ.
ނެދަލޭންޑްސް އާއި ޖަޕާނާއި ސްވިޑްންއާ އެކު ގްރޫޕް އެފްގައި އޮތް ޓިއުނީޝިޔާ އަށް ކުރިއަށް އޮތް މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ. އެއީ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުން އެހެން ނޫނީ ވަރަށް ބޮޑަށް ދަތިވާނެތީ އެވެ.
ރެނާޑްގެ އެހީތެރިއަކަށް މަސައްކަތް ކުރާނީ ލަމޫޗީގެ ވެސް އެހީތެރިއަކަށް މަސައްކަތް ކުރި ވަހްބީ ހަޒްރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ