"މި ސަރަހައްދުގައިވެސް ޕޭޕަލްގެ ޚިދުމަތް ލިބެނީ މަދު ޤައުމަކަށް"

ރާއްޖެ ހިމެނޭ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޕޭޕަލްގެ ޚިދުމަތް ލިބޭ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ފަޚުރެއްކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިފަދައިން ވިދާޅުވީ، ޕޭޕްލަގެ ޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ، ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕޭޕަލްގެ ޚިދުމަތް ލިބެނީ އަތުން ގުނާލެވޭފަދަ މަދު ގައުމަކަށްކަމަށެވެ. އަދި އޭގެތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ފަޚުރެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ހޯދޭނީ އެމްފައިސާ މެދުވެރިކޮށްކަމަށެވެ. އެގޮތުން އަލަށް ރަޖިސްޓްރީކުރަން ބޭނުންފުޅުވާ ބޭފުޅުންވެސް އެމްފައިސާ މެދުވެރިކޮށް ރަޖިސްޓަރވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ޕޭޕްލަ އެޕެއް ލޯންޗެއް ނުކުރަން ރާއްޖެއަކު. އަޅުގަނޑުމެން ފައިސާ މިދެނީ އެމްފައިސާ މެދުވެރިކޮށް. އަލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ބޭފުޅަކުވެސް އެމްފައިސާ މެދުވެރިކޮށް އޭގެތެރޭގަ އިންނަ ޕޭޕަލް ކާޑަށް ފިއްތާލީމަ ރަޖިސްޓަރވެސް ކޮށްލެވޭނެ. ކޮންމެހެން ޕޭޕަލް އެޕް އަޅާކަށް ނުޖެހޭނެ އެކަން ކުރާކަށް" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، މި ޚިދުމަތާއެކު ގޭގައި ތިބެގެން ކުދި ވިޔަފާރިކުރާ ފަރާތްތަކަށްވެސް ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށެވެ. އެގޮތުން، ޕޭމަންޓު ދެއްކުމަށް، ޕޭޕަލް އައިޑީ ފޮނުވާލުމުން ޑޮލަރުން ޕޭމަންޓު ދެއްކޭނެކަމަށް ވިދާޅުވިއެވެ.
"އެސްއެމްއީސްއަށް މީގައި އެންމެ ފައިދާކުރާނީ ޚާއްސަކޮށް ގޭގަ އެއްޗެހި ހައްދަވާ ބޭފުޅުން. ޕޭމަންޓު ކިހިނެއްތޯ ހަދާނީ ބުނެލީމަ ދޭންވީ ޕޭޕަލް އައިޑީ. އޭރުން އެއަށް ޕޭމަންޓު އަންނާނެ ވަގުތުން. ސެލަރ އަށް އޭރުން ޕޭމަންޓު ލިބޭނީ ޑޮލަރުން." ނިޔާޒް ވިދާޅުވިއެެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޕޭޕަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. ޕޭޕަލްގެ ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ. ޕޭޕަލްއާއެކު ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރެވިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ