ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާނެ ކަމުގެ އުންމީދާ އެކު ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރުން ދަށަށް

ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑުއޮޅިއަލުން ހުޅުވާލާނެ ކަމުގެ އުންމީދާ އެކު، ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށްވުރެ ދަށަށް، ހަނގުރާމައިގެ ފަހުން ފުރަތަމަ ފަހަރަށް ވެއްޓިއްޖެ އެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދުތަކަށް އޮތް އިންފްލޭޝަނުގެ ޕްރެޝަރު ކުޑަވެގެންދާނެ އެވެ. ނަމަވެސް، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނުން "ސާވިސް ފީ" އެއް ނަގާފާނެ ކަމުގެ ބިރު އޮތުމުން ވިޔަފާރިވެރިން ތިބީ އެކަމަށް ވެސް ވިސްނައިގެންނެވެ.
ތެލުގެ ވިޔަފާރީގައި ބައިނަލްއަގުވާމީ ބެންޗުމާކެއްގެ ގޮތުގައި ބަލާ 'ބްރެންޓް ނޯތު ސީ ކުރޫޑް' ގެ އަގު 4.0 ޕަސެންޓް ދަށަށް ގޮސް، ފީފާއެއް 79.87 ޑޮލަރަށް މިއަދު ވެއްޓުނެވެ. މިއީ މިދިޔަ މާޗު މަހުގެ ކުރީކޮޅުން ފެށިގެން ތެލުގެ އަގު 80 ޑޮލަރަށްވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް ފަހުން އަގު ވަނީ 80.52 ޑޮލަރަށް، ކުޑަކޮށް މަތިވެ އެވެ.
އެމެރިކާގެ މައިގަނޑު ތެލުގެ ބެންޗްކާމް ކަމަށްވާ 'ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް' 4.5 ޕަސެންޓް ދަށަށް ގޮސް، ފީފާއެއް 77.16 ޑޮލަރަށް ވެއްޓުމަށް ފަހު، ފަހުން ވަނީ 78 ޑޮލަރާ ގާތްކުރާ މިންވަރަކަށް އުފުލިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އަންނަ ހުކުރު ދުވަހު ސުވިޓްޒަލޭންޑްގައި އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ހޮރްމޫޒް ކަނޑުއޮޅި "އެއްކޮށް ހުޅުވާލެވޭނެ" ކަމަށެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެޔޮ އުފުލާ ތިން ބޯޓަކާއި މުދާ އުފުލާ ދެ ބޯޓު މިހާރު ވެސް އެ ކަނޑުއޮޅިން ދަތުރުކޮށްފައިވެ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާއިން ފަހުން ވަނީ އީރާނުގެ ބަނދަރުތަކުން މުދާ އުފުލުން ހުއްޓުވައިފަ އެވެ.
ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، އެނަލިސްޓުން އިންޒާރުދޭ ގޮތުގައި ހަނގުރާމަ ނިމުމަށްފަހު ވެސް މާކެޓުގެ ހާލަތު ހަފްތާތަކެއް ނުވަތަ މަސްތަކެއް ވަންދެން ދަތިކޮށް ހުރެދާނެ އެވެ.
"ތެލުގެ އަގު މިހާރު ހުރީ ފާއިތުވި ދެ މަސްދުވަހުގެ އެންމެ ދަށް މިންވަރުގައި... ނަމަވެސް ހަނގުރާމައިގެ ކުރީގެ އަގުތަކާ އަޅާބަލާއިރު އަދިވެސް އަގު ބޮޑު. މިއިން އެނގެނީ ތެޔޮ ފޯރުކޮށްދިނުމާ މެދު އަދިވެސް ޝައްކުތަކެއް ހުރިކަން،" ވެލްތު ކްލަބްގެ ޗީފް އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓް ސުޒާނާ ސްޓްރީޓާ ވިދާޅުވި އެވެ.
މީގެއިތުރުން، އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެމެރިކާގައި ރައްކޮށްފައިވާ، ކުއްލި ހާލަތުގައި ބޭނުންކުރަން ބަހައްޓާ ތެލުގެ ސްޓޮކް މިދިޔަ ހަފްތާގައި ވަނީ 1983 ވަނަ އަހަރަށްފަހު ރެކޯޑް މިންވަރަކަށް ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ