ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 16) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ކުޅޭތަން ބަލަން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުން ތިބީ އިންތިޒާރުގައިކަން އެނގޭ ކަމަށް އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
ފްރާންސް ބަލިކޮށް، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕް ފަށާނީ މިރޭ އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ އަލްޖީރިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އެ މެޗުގެ ކުރިން އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އަކީ، ދާދި ފަހުން އަނިޔާ އަކުން ރިކަވާވި މެސީ އަށް މި މެޗުގައި ކުޅެލަން ލިބޭނީ ކިތައް މިނިޓްތޯ އެވެ. އެއީ، އާޖެންޓީނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ވެސް މެސީ ބޭނުންކުރީ ބަދަލަކަށް ކަމަށްވާތީ އެވެ.
"ހަމައެކަނި އާޖެންޓީނާގެ އާބާދީއެއް ނޫން. މުޅި ދުނިޔެ އަށް ބެލިޔަސް ގިނަ ބަޔަކު ބޭނުމީ މެސީ ކުޅޭތަން ބަލަން. އެންމެން ބޭނުމީ އޭނަ ދަނޑުމަތިން ފެންނަން. އެއީ، އޭނާގެ ސަޕޯޓަރުން ތިބީ ހަމައެކަނި އާޖެންޓީނާ އަކު އެއް ނޫން. މުޅި ދުނިޔޭގެ އެތަން މިތަނުގައި،" އަލްޖީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާ އިން ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު އެންމެ ފަހު މެޗުގައި އައިސްލެންޑާ ދެކޮޅަށް މެސީ ކުޅެން އެރީ ފަހު ވިއްސަކަށް މިނިޓަށެވެ. އެ މެޗުގައި އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީއެއް މެސީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
"މެސީގެ އަނިޔާގެ ކަންކަމާ ގުޅޭގޮތުން، ގޯސްވެގެން ދެއްކޭނެ ވާހަކައެއް ނެތް. އަބަދުވެސް ޓީމާ އެކު އެ ހުރީ. ވަރަށް މުހިންމު ކުޅުންތެރިއެއް އަބަދުވެސް،" ސްކަލޯނީ ބުންޏެވެ.
މިރޭގެ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް އުމުރުން 38 އަހަރުގެ މެސީ ކުޅެފިނަމަ، ވެގެންދާނީ އޭނާ ގައުމީ ޓީމަށް ކުޅެދޭ 200 ވަނަ މެޗަށެވެ. އާޖެންޓީނާ އަށް ފީފާ ވޯލްްޑް ކަޕާއި ކޮޕަ އެމެރިކާގެ ދެ ތަށި އަދި ފައިނަލީސިމާ ޓްރޮފީ ހޯދައިދިން މެސީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 199 މެޗުން 117 ލަނޑު ޖަހައި 64 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ، އާޖެންޓީނާ އަށް މެސީ ކުޅެދޭ ހަ ވަަނަ ވޯލްޑް ކަޕެވެ. މިއީ ވެސް އެ ގައުމުގެ ފުޓްބޯޅައިގައި ރެކޯޑެކެވެ.
މެސީ ކުޅޭތަން ބަލަން މުޅި ދުނިޔެ އިންތިޒާރު ކުރާނެކަން އެނގޭ: ސްކަލޯނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ