ހިމަބިހި ޖެހޭ މީހުން އިތުރުވަނީ

ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް، އެޗްޕީއޭއިން މިއަދު ބުނެފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް މިދިޔަ ހަފުތާގައި އެކަނި ވެސް އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު، މި އަހަރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވިއްސަށް އަރައިފަ އެވެ.
ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ނުދެ އެވެ.
ނަމަވެސް، "މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނެވެ. ބާކީ ތިބި އެންމެންނަކީ ވެސް ދިވެހިންނެވެ. 
އެ ކޭސްތަކާ ގުޅޭ 489 ކޮންޓެކްޓު ފާހަގަކުރެވިފައިވެ އެވެ. އޭގެ ތެރޭގައި އެކްޓިވް 88 މީހުން ހިމެނެ އެވެ.
ބަޔާނުގައި ބުނީ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. މިހާތަނަށް 220 މީހަކަށް ވެކްސިން ދީފައިވެ އެވެ.
އޭގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލްކުރަން ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްދޭ މުވައްޒަފުން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދޭން ވެސް ވަނީ ފަށައިފަ އެވެ. ފްރޮންޓްލައިންގެ 1،118 މުވައްޒަފަކަށް ވެކްސިން ދީފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އެޗްޕީއޭ އިން ވަނީ ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް މާސްކް އަޅައިގެން ހޮސްޕިޓަލަށް ދިއުމަށް އެދިފަ އެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެދިފަ އެވެ. 
ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. އެކަމަކު، މި ފަހަރު ހާލަތު ގޯސްވީ ގިނަ ދިވެހިންނަށް ބަލި ޖެހުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ