އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ކުރިއަށް އޮތް ސެޝަންތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހާމަކުރައްވައިފިއެވެ. 47 މެންބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 15 އިން ފެށިގެން ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ތަފާތު ބައްދަލުވުންތަކުގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ ބަޔާންތައް ދެމުންދާނެ ކަމަށެވެ. މި ބަޔާންތައް ބިނާކުރާނީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތަކުގެ މައްޗަށެވެ. މީގެ އިތުރުން، ރާއްޖެއަކީ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ގަރާރުގެ ކޯ ގްރޫޕުގެ މެންބަރަކަށްވުމާއެކު، ވަކީލުންގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓް އާކުރުމާ ގުޅޭ ގަރާރެއް ވެސް ރާއްޖެއިން މި ސެޝަނަށް ހުށަހަޅާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރާއިރު، އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ރާއްޖެއިން ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. ފޮރިން މިނިސްޓްރީ އިން ފާހަގަކުރެއްވި ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި، އެ ސަރަޙައްދުގެ އިންސާނީ ޙާލަތާ ގުޅޭގޮތުން ރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލާނެއެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ