އައްޑޫ ސިޓީގައި މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ "ޑްރަގް ކެފޭ" އެއް ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރުނީ ސ. މަރަދޫފޭދޫ، އުއްމީދުގެ ޖޫން 15، އިން ފެށިގެން 90 ދުވަހަށް ބަންދުކުރުމަށެވެ. މިއީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު މިފަދަ ފުރަތަމަ އަމުރެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށަކަށްވާއިރު، އެފަދަ ތަނަކަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މިއީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އައްޑޫ ސިޓީގައި މިގޮތަށް ބަންދުކުރަން ކޯޓުން އަމުރުކުރި ދެވަނަ ޑްރަގް ކެފޭ އެވެ. މި މަސް ތެރޭގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ސ. ހިތަދޫ، ލާމިޔާގެއާގޭ ބަންދުކުރަން އަމުރުކޮށްފަ އެވެ.
މީގެއިތުރުން ފުވައްމުލައް ސިޓީގައި ހަމަ މިގޮތަށް ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ބަންދުކުރަން ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ. އެއީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގޭގައި ހިންގާ ޑްރަގް ކެފޭ އެވެ. އެތަން ބަންދުކުރީ 85 ދުވަހަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން މާލޭގައި ހިންގި ޑްރަގު ކެފޭއެއް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
މަރަދޫފޭދޫގައި ހިންގާ "ޑްރަގް ކެފޭ" އެއް ބަންދުކުރަން ކޯޓުން އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ