ޓެލެގްރާމް ބޭނުންކުރުން މަނާކޮށްފި

އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް އޮޅުވާލައި މަކަރު ހެދުމަށް ޓެލެގްރާމް ބޭނުންކުރަމުންދާ ކަމަށް ބުނެ ވަގުތީ ގޮތުން އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފިއެވެ. މިދިޔަ މަހު ބޭއްވި މި އިމްތިހާނުގެ ޕޭޕަރުތައް ލީކުވި ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން، އެތައް މިލިއަން ކުދިންގެ ނަތީޖާ ވަނީ ބާތިލުކޮށްފައެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ޓެސްޓިންގ އެޖެންސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، މިއީ އިންޑިއާގައި މިހާތަނަށް މިފަދަ އެޕްލިކޭޝަނެއް މަނާކުރި ފުރަތަމަ ފަހަރެވެ. މި ފިޔަވަޅު އެޅީ ޖޫން 21 ގައި އަލުން ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރަންސް ޓެސްޓް 2026" (ނީޓް) ގައި ބައިވެރިވާ ކުދިންނަށް އޮޅުވާލުމަށްޓަކައި، ރޭވުންތެރިކަމާއެކު ޓެލެގްރާމް ބޭނުންކުރަމުންދާތީ އެކަން ހުއްޓުވުމަށެވެ. މި މަނާކުރުން ދެމިއޮންނާނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ މަހު ބޭއްވި ނީޓްގެ ފުރަތަމަ ޑިގްރީ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވި ކަމަށް ބުނެ ކުރެވުނު ތުހުމަތުތައް ތަހުގީގު ކުރަން ފެށުމާއެކު، ސަރުކާރުން ވަނީ އެ އިމްތިހާނު ބާތިލުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި، ވަކި ނަމެއް ހާމަނުކުރާ ބައެއް ޓެލެގްރާމް ޗެނަލްތަކުން ވަނީ އިމްތިހާނު ކަރުދާސް ވިއްކާ ކަމަށް ބުނެ އިޝްތިހާރު ކޮށްފައެވެ.
ޕޭޕަރު ލީކުވި މައްސަލައާއި 2.3 މިލިއަން ދަރިވަރުންގެ ނަތީޖާ ބާތިލުކުރުމާ ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލައި ބޭއްވި މުޒާހަރާތައް ވެސް ހިމެނެއެވެ.
އިންޑިއާގެ ގާނޫނު ބުނާގޮތުން ވެބްސައިޓްތައް ބްލޮކްކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. ޓެލެގްރާމް މަނާކުރުމުގެ އަމުރު ނެރެފައިވަނީ އިންޑިއާގެ އައިޓީ ގާނޫނުގެ ދަށުން، ގައުމުގެ އިސްތިގުލާލާއި ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް ސަރުކާރަށް ލިބިދޭ ބާރުގެ ދަށުންނެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނެފައިވަނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މީގެ ސަބަބުން އަސްލު މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ބުނި ގޮތުގައި، ޓެލެގްރާމް ބްލޮކްކުރުމަކީ އިމްތިހާނުގެ މަކަރާއި ހީލަތަށް ދެވޭ އެކަށީގެންނުވާ، ވަގުތީ ފަރުވާއެކެވެ. އަދި މިއީ އިމްތިހާނު ލީކުވާ ނިޒާމީ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، އާންމުކޮށް އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ދެވޭ އަދަބެއް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ސަރުކާރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި، މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައިވެއެވެ. އަދި މިއީ ޕްލެޓްފޯމުން އެފަދަ ކަންކަން ހުއްޓުވުމަށް ކުރިން ކުރި މަސައްކަތްތައް ކާމިޔާބު ނުވުމުން، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެފައިވެއެވެ.
މައްސަލައާ ގުޅިގެން ޓެލެގްރާމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް ވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ޓެލެގްރާމް މަސައްކަތް ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ