މި އަޒުމެއް ނުގުޑާނެ، މި ހިތްވަރެއް ނޭލޭނެ: މައުމޫން

ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައިވަނިކޮށް، އަދިވެސް ހުންނެވީ ނުގުޑާފަދަ އަޒުމަކާއި، ހިތްވަރެއްކަން ހާމަކުރައްވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ޓްވީޓް ކުރެއްވީ ސީދާ ސުޕްރީމް ކޯޓްގެ ހުކުމާއި ގުޅިގެންކަމެއް އެ ޓްވީޓުން ޔަގީން ނޫންނަމަވެސް، ރައީސް މައުމޫން ތަފާތު ޓްވީޓެއް ކުރައްވާފައިމިވަނީ ޕީޕީއެމްގެ މައްސަލައާއި ގުޅިގެން ކޯޓްގައި ކުރިއަށްދާ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޮ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެއްކޮޅަށް ނިމިފައިވަނިކޮށެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ "އިރާދަކުރެއްވިއްޔާ މި އަޒުމެއް ނުގުޑާނެ، މި ހިތްވަރެއް ނޭލޭނެ" މިހެންނެވެ.
މިފަދަ އިބާރާތަކުން މީގެ ކުރިން ރައީސް މައުމޫން ޓްވީޓް ކުރައްވާފައިނުވާއިރު، މިިއީ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ވަރަށް ގިނައިން ބޭނުންކުރައްވާ ބަސްތަކެއްކަން ފާހަގަކުރެވެއެވެ.
ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާ ވަރަށް ގިނަ ޖަލްސާތައް ނިންމާލުމުގެ ކުރިން "މި އަޒުމެއް ނުގުޑާނެ"، "މި ހިތްވަރެއް ނޭލޭނެ"، "މި ފިކުރެއް ބައްޔެއް ނުކުރެވޭނެ"ފަދަ އިބާރާތްތައް ބޭނުންކުރައްވައެވެ.
އަދިވެސް ހުންނެވީ ނުގުޑާފަދަ އަޒުމަކާއި، ހިތްވަރެއްކަން ހާމަކުރައްވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރައްވާފައިވާއިރު، އެމަނިކުފާނުގެކޮއްކޮ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ލިބި، އެންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިކޮށްފައިވަނީ ރައީސް މައުމޫނަށްކަން ފާހަގަކުރެވެއެވެ.
ސިއްހީ ބޮޑެތި މައްސަލަތަކެއްވެސް ރައީސް މައުމޫނަށް ކުރިމަތިވެފައިވަނިކޮށް އެތަކެއް މަސްތަކެއް ވަންދެން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރައީސް މައުމޫން ޖަލުގައި ބަންދުކޮށްގެން ގެންގުޅެފައެވެ. އަދި އެމަނިކުފާނަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދައާއި ވަކީލުކަން ކުރެއްވުމުގެ ހުއްދަވެސް ދަށުކޯޓުން ބާތިލްކޮށް، މައްސަލައަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުކޮށް ޖަލަށްވެސް ވަނީ ލައްވާފައެވެ.
މި ހުރިހާ ކަމަކާއި ވަރަށް ކެރިވަޑައިގެން ކުރިމަތިލައްވާ، އަދި ފާޅުގައި ހައްގުބަސް ވިދާޅުވުމުގައި ރައީސް މައުމޫން ދެއްކެވި ސާބިތުކަމާއި ގުޅިގެން، ގިނަ ބަޔަކު ވަނީ ރައީސް މައުމޫންގެ ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް މައުމޫނަކީ ގައުމަށް އެންމެ ވަފާތެރި އަދި ގައުމުގެ ހައްގުގައި އެންމެ ބޮޑު ގުރުބާނީއެއްވެވަޑައިގެން ސިޔާސީ ލީޑަރުކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ