ވޯލްޑްކަޕް ވޯލްޑްކަޕް އިނގިރޭސި ޓީމަކީ ވޯލްޑް ކަޕްގެ ފޭވަރިޓެއް ނޫން: ޓުޗެލް

ކުރިއަށްއޮތް ވޯލްޑް ކަޕް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ތެރޭގައި އިނގިރޭސި ގައުމީ ޓީމު ނުހިމެނޭ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޓުޗެލް ބުނީ، އިނގިރޭސި ޓީމަކީ މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމެއް ނަމަވެސް، ފޭވަރިޓުންގެ ގޮތުގައި ބެލެވޭނީ މީގެ ކުރިން ބޮޑެތި މުބާރާތްތައް ކާމިޔާބުކޮށްފައިވާ ޓީމުތައް ކަމަށެވެ
”އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން، ސަބަބަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަހަރެމެންނަށް މި މުބާރާތް ކާމިޔާބު ނުކުރެވުން،“ ޓުޗެލް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، އިނގިރޭސި ޓީމު އަމާޒު ހިފާފައިވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށާއި، ކުޅުންތެރިންގެ ކިބައިގައި އެ ގާބިލުކަން އެބަހުރި ކަމަށެވެ. ނަމަވެސް، މުބާރާތުގެ ތާރީހާއި ފާއިތުވި މުބާރާތްތަކުގެ ނަތީޖާތަކަށް ބަލާއިރު، އިނގިރޭސި ޓީމު ފޭވަރިޓުންގެ ގޮތުގައި ބެލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ދެކެއެވެ.
އިނގިރޭސި ޓީމުގެ ފަރާތުން ފެންނަމުންދާ ކުޅުމާއި، ޓުޗެލް ޓީމު ބައްޓަން ކުރަމުންދާ ގޮތާމެދު ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ޓުޗެލްގެ މި ވާހަކަތަކަކީ ޓީމުގެ މައްޗަށް އޮތް ޕްރެޝަރު ކުޑަކުރުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވެއެވެ.
ވޯލްޑް ކަޕް 2026 ގައި އިނގިރޭސިން އޮތީ ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއާއެކު ”ގްރޫޕު އެލް“ ގައެވެ. އިނގިރޭސިންގެ ފުރަތަމަ މެޗުގައި މިމަހުގެ 18 ގައި ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ