މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްޤީކުރާ ރަށް މިމަހު ހިއްކަން ފަށަނީ

މާލޭ ސަރަޚައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ޚާއްސަ ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިމަހު ފަށާނެކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބުނެފިއެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ހުޅަނގު އުތުރުން، އަދި ކ. ފޭދޫފިނޮޅާއި ކ. ދޫނިދޫއާ ދެމެދުގައި އޮންނަ ކ. ގަލުފަޅެވެ.
އެމްއައިޓީޑީސީން ބުނީ މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި މަސައްކަތްތައް އެކި ކުންފުނިތަކާއި ޙަވާލުކޮށްގެންކަމަށެވެ.
އެކުންފުނިން ބުނީ މިމަހު އެފަޅު ހިއްކުމުގެ މަސައްކަތް ފަށާ، 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.
ވޯޓާސްޕޯޓްސް، ކެފޭ އަދި ރެސްޓޯރަންޓް، އެކޮމޮޑޭޝަން އަދި ބާބަކިއުއާއި އެހެނިހެން ރެކްރިއޭޝަނަލް ފެސިލިޓީތައް ގާއިމު ކުރަން ހަމަޖެހިފައިވާ މި ރަށަށް މާލެއިން ފުރައިގެން 15 މިނެޓު ތެރޭގައި ދެވޭނެއެވެ.
މާލޭ ރައްޔިތުން ދަތުރު ދިޔުމަށް މީގެ ކުރިން ހަމަޖައްސާފައި އޮތީ ކ. ފޭދޫފިނޮޅެވެ. އެހެންނަމަވެސް އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް މިހާރު ވަނީ މަޝްރޫޢެއް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ