އެމްޑަބްލިއުއެސްސީން ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެނީ

މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޚިދުމަތްދޭ ރަށްރަށުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ނިންމައިފިއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން އިއުލާނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށްއޮތް މަސްދުވަހު ގޭބިސީތަކުގެ ފެންބިލުން 30 އިންސައްތަ ޑިސްކައުންޓް، ކުދި ވިޔަފާރިތަކުގެ ފެންބިލުން 20 އިންސައްތަ ޑިސްކައުޓް، ކުރިއަށްއޮތް މަސްދުވަހު ގޭބިސީ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުޓް، ކުދި ވިޔަފާރިތަކުގެ ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުޓް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން މިކަން އިއުލާނުކުރުމާއެކު އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ މެއި މަހުގެ ފެން ބިލުން 30 އިންސައްތަ ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ވިޔަފާރިއަކަށް މެއި މަހުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ކުންފުނިން ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ނިންމާ ކޮންމެ ކަމަކަށް އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ