ހައްދުގެ ބައެއް އަދަބުތައް ބިލްގައި ހިމަނާފައި ނުވާ ކަމަށް މެންބަރުން އިއުތިރާފުވެއްޖެ

ޤާނޫނުލް އުޤޫބާތުގެ ބިލް މިވަގުތު އެކުލަވާލާފައިވަނީ ކީރިތި ޤުރުއާނުގައި އަންގާވާފައިވާ ހައްދުތައް އެގޮތުގައި ހިމަނައިގެން ނޫން ކަމަށް ޤާނޫނުލް އުޤޫބާތު ބިލް ދިރާސާ ކުރާ ކޮމިޓީގެ މެންބަރުން އިއުތިރާފްވެއްޖެއެވެ.
ކޮމިޓީގެ މެންބަރުން އެކަމަށް އިއުތިރާފްވީ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝެއިހް އިލްޔާސް ހުސައިން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން މިއަދު އޭނާ އެކޮމިޓީއަށް ހާޒިރުކުރެއްވުމުން އިލްޔާސް ކޮމިޓީގެ މެންބަރުންނަށް ކުރެއްވި ސުވާލެއްގައި ކޮމިޓީގެ މުޤައްރިރު އަޙްމަދު ހަމްޒާއެވެ.
ޝެއިހް އިލްޔާސް މިއަދު ކޮމިޓީއަށް ހާޒިރުކުރީ މާލޭގެ ފުރުޤާން މިސްކިތުގައި މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ޝެއިހް އިލްޔާސް ދެއްވި ދީނީ ދަރުސެއްގައި ޤާނޫނުލް އުޤޫބާތުގެ ބިލް ދިރާސާ ކުރެއްވި ކޮމިޓީގެ މެންބަރުންނަށާއި، އެބިލަށް ނިސްބަތްކޮށް ﷲ ގަންދީ ހުވާކޮށް ދޮގު ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތުގައެވެ.
ޝެއިހް އިލްޔާސް އެ ރޭ ދެއްވި ތަޤުރީރުގެ ތަންތަންކޮޅު ކޮމިޓީގައި އިއްވުމަށްފަހު އެއީ ދެއްކެވި ވާހަކަފުޅެއްތޯ ކޮމިޓީގެ މެންބަރުން ޝެއިހް އިލްޔާސްއާއި ސުވާލު ދެންނެވުމުން އިލްޔާސް ވިދާޅުވީ އޭނާ ދެއްކެވި ވާހަކަފުޅެއް ނަމަ އަޑުއިވިވަޑައިގެންފައިވާނެ ކަމަށެވެ.
"އަޅުގަނޑު އަދިވެސް މިހުރީ އަޅުގަނޑު ދެއްކެވި ވާހަކަތަކުގެ މަތީގައި. އޭރު އަޅުގަނޑު ކުރީ އެންމެ ހުވައެއް ނަމަ މިހާރު މިހުރީ މިތަނުގައި ހަތް ހުވާ ކުރައްވަން ތައްޔާރަށް" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.
ޝެއިހް އިލްޔާސް ވިދާޅުވީ ޤާނޫނުލް އުޤޫބާތުގެ ބިލާއި، އެބިލް ދިރާސާ ކުރާ ކޮމިޓީގެ މެންބަރުންނާއި ގުޅޭގޮތުން އޭނާ ދެއްކެވި ވާހަކަފުޅެއް ދެއްކެވީ ދީން ދެކެ ލޯބިވާ އަދި ދީނީ އިލްމް ކޮންމެވެސް ވަރަކަށް ނަމަވެސް ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން އިސްލާމްދީނުގެ ހައްޤުގައި ކަމަށެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ބިލް މިހާރު އޮތް ގޮތަށް އޮތް ނަމަ އޭނާ ދައްކަވާ ވާހަކަފުޅުތައް ދައްކަވަމުން ގެންދަވާނެ ކަމަށްވެސް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.
"މިބިލް މިހާރު މިއޮތް ގޮތަށް ތިބޭފުޅުން ފާސްކުރައްވާނަމަ އަޅުގަނޑު މިހުރީ މިރޭވެސް މިކަމާއި ދެކޮޅަށް ތެދުވަން. ދީނީ ގޮތުން އަޅުގަނޑު ބުނަންޖެހޭ އެއްޗެއް ބުނާނަން" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.
ޝެއިހް އިލްޔާސް ދެއްވި ދީނީ ދަރުސްގައި ކަނޑައެޅިގެން އިތުރުފުޅު ހައްދަވާ ކޮމިޓީގެ މެންބަރުންނާއި އާންމު ރައްޔިތުންނާއި ދެމެދު ފިތުނަވެރިކަން އުފެދޭގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ކޮމިޓީގެ މެންބަރުން ވިދާޅުވުމުން ޝެއިހް އިލްޔާސް ވަނީ ކޮމިޓީގެ މުޤައްރިރާއި ތަކުރާރުކޮށް އެއް ސުވާލެއް ކުރިމަތި ކުރައްވާފައެވެ.
އެގޮތުން ޤާނޫނުލް އުޤޫބާތުގެ ބިލް މިހާރު އެކުލަވާލާފައިވަނީ ކީރިތި ޤުރުއާނާއި އިސްލާމީ ޝަރީއަތުގައި ތަފާތު ކުށްކުށަށް އަރައިގަތުމުން ހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަބުތައް އެގޮތުގައި ހިމަނައިގެންތޯ އިލްޔާސް ވަނީ ސުވާލު ކުރައްވާފައެވެ.
އެގޮތަށް އިލްޔާސް ތަކުރާރުކޮށް ސުވާލު ކުރައްވަމުން ގެންދެވުމުން ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ ވިދާޅުވީ އެބިލް މިވަގުތު އޮތީ ކީރިތި ޤުރުއާނުގައި ހައްދުތައް ކަނޑައެޅިފައިވާ ގޮތަށް ނޫން ކަމަށެވެ. އަދި އެގޮތަށް އެބިލް އެކުލަވާލަންޖެހުނީ ކީރިތި ގުރުއާނުގައި ބަޔާންކޮށްފައިވާ ހައްދުތައް ގާއިމް ކުރުމުގެ ގާބިލްކަން ރާއްޖޭގެ ޝަރުއީ ނިޒާމުގައި ނެތުމުން ކަމަށް ހަމްޒާ ވިދާޅުވިއެވެ.
"ސުވާލު އެންމެން ވެސް އުފައްދާ ކަމަކީ ދިވެހިރާއްޖޭހެ ޝަރުއީ ނިޒާމުގައި ގާބިލްކަން އެބަހުރިތޯ. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ޝަރުއީ ނިޒާމް މިއޮތީ، އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ ޝަރުއީ ނިޒާމުގައި ހައްދު ގާއިމް ކުރެވޭ ފެންވަރަކަށް ޝަރުއީ ނިޒާމެއް ނުވޭ" ހަމްޒާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަޟަޢީ ޤާނޫނަކުން (އިންސާނުން ހަދާ ޤާނޫނު) އިލާހީ ޤާނޫނަށް ބަދަލު ނާންނާނެ ކަމަށާ، ބިލްގައި ހުރި ބައެއް މާއްދާ ތަކާއި މެދު ހިޔާލުފާޅު ކުރައްވާއިރު، އެފަދަ ބައެއް މާއްދާތަކަކީ ބައެއް މަޒްހަބް ތަކުގައި ހިޔާލު ތަފާތުވެފައި ހުރި މައްސަލަ ތަކެއް ކަމަށެވެ.
ހަމްޒާ އެގޮތަށް ވިދާޅުވުމުން ހަމްޒާއަށް ރައްދުދެއްވާ ޝެއިހް އިލްޔާސް ވިދާޅުވީ އިލާހީ ޤާނޫނާއި ޚިލާފަށް އެއްވެސް އެއްޗެއް ނުހެދޭނެ ކަމަށާ، ނަމަވެސް އެކަމަށް ކޮމިޓީގެ މެންބަރުން އިއުތިރާފްވެފައިވާތީ އުފާކުރައްވާ ކަމަށެވެ. އެހެންކަމުން އެޤާނޫނުގައި ހުރި މައްސަލަތައް ފާހާގަކޮށް ދީނުގައި އަންގަވާފައިވާ ގޮތަށް ބިލް އެކުލަވާލަމުން ގެންދިއުމަށްވެސް ޝެއިހް އިލްޔާސް އެދިވަޑައިގެންނެވިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ޝެއިހް އިލްޔާސްއާއި ޒާތީ ގޮތުން ދިމާކޮށް ޒާތީ ގޮތުން ސުވާލުތައްވެސް އަމާޒުކުރައްވާފައެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ތާއީދު ކުރާ ޑީއާރުޕީގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހައްމަދު އާއި ޕީޕީއެމްގެ މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ ޝެއިހް އިލްޔާސްގެ ދަރުސްގައި ހުރި ވާހަކަތަކަކީ މުޅިން ތެދު ހަޤީގަތް ނޫން ކަމަށެވެ.
އަދި އެ މެންބަރުން ވިދާޅުވީ ޤާނޫނުލް އުޤޫބާތުގެ ބިލްގައި މައްސަލައެއް ހުރި ނަމަ އެވާހަކަ ކޮމިޓީގެ މެންބަރުންނާއި ސީދާ ގޮތުން ހިއްސާ ކުރެއްވުމުގެ ބަދަލުގައި އާންމު ތަންތަނުގައި ހަޤީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކެވީތީ ހިތާމަކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ