މަޖިލީހާއި ޝަރުއީ ދާއިރާގެ މަޝްވަރާއާ ބެހޭ ގޮތުން އުއްތަމަ ފަނޑިޔާރުގެ ސިޓީފުޅެއް މަޖިލީހުގެ ރައީސަށް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން ޝަރުއީ ދާއިރާއާ މަޝްވަރާކުރަން ޖެހިއްޖެނަމަ އެ ކަންކުރާނޭ އުސޫލެއް ކަނޑައެޅުން މުހިންމު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އުއްތަމަ ފަނޑިޔާރު އިއްޔެ ސިޓީފުޅެއް ފޮނުއްވައިފި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ފޮނުއްވި ސިޓީގައި ތިން ބާރުގެ މެދުގައި ކަނޑައެޅިފައިވާ ޗެކް އެންޑް ބެލެންސްގެ ނިޒާމް (އެއްބާރު އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމް)ގެ މަގުސަދާއި އެއްގޮތަށް އެ ނިޒާމްގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށް ޖުޑީޝަރީގެ މީޑިއާ ޑިޕާޓްމެންޓުން ބުންޏެވެ. މީގެ އިތުރުން ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް މީހަކު ނުވަތަ މުއައްސަސާއެއްގެ ބާރު ފަނޑިޔާރުންގެ މައްޗަށް ނުފޯރުވޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އޮތުން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި ފަނޑިޔާރުން ޖަވާބުދާރީކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށާއި އެ ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުން އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓްތައް މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީތަކަށް ހުށަހެޅޭނެ ކަމަށް އެ ސިޓީގައި ފާހަގަކުރެއްވި އެވެ. އަދި ފަނޑިޔާރުންނާ ގުޅޭ އެފަދަ ކަންކަމުގައި މުއާމަލާތުކުރަންޖެހޭނީ ޖޭއެސްސީ މެދުވެރިކޮށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ އެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ. ޖޭއެސްސީއަކީ ޝަރުއީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން މަޖިލީހަށް ލަފާދޭ ފަރާތަށްވީ ހިނދު ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން މަޖިލީހުން ބަލާ ކަންކަމާ ގުޅިގެން ބޭނުންވާ މައުލޫމާތު ޖޭއެސްސީ މެދުވެރިކޮށް ޝަރުއީ ދާއިރާގެ އިސް ފަރާތްތަކާ މުއާމަލާތުކޮށްގެން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ސިޓީފުޅުގައި ފާހަގަކުރެއްވި އެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން ޝަރުއީ ދާއިރާގެ އެއްވެސް ފަރާތްތަކަށް ދަންނަވަން ޖެހިއްޖެނަމަ އެ ކަންކުރާނޭ ރަނގަޅު އުސޫލުތަކެއް އެކަށައެޅުމަށްޓަކައި މަޝްވަރާކުރުން މުހިންމު ކަމަށް އެ ސިޓީގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ