މާލީ ހޭލުންތެރިކަން: ސިންދަފާތުވެފައިވާ މާލީ ދައިރާގެ ބިންގަލަށް

މާލީ ނިޒާމެއްގެ ތެރޭގައި ކުރިއަރައި ދިއުމުގެ އެންމެ އިސްދައުރެއް އަދާކުރަނީ އެ ނިޒާމަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ނިޒާމަށް ކުރާ އިތުބާރާއި ބޭނުންކުރާ މިންވަރުގެ މައްޗަށެވެ. ދިވެހިރާއްޖެއަށް ބަލާއިރު މާލީ ދާއިރާގެ އަސާސީ ހޭލުންތެރިކަން އޮތް ނަމަވެސް މުޅި ދާއިރާއަށް ދިވެހީންގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ މާލީ ހޭލުންތެރިކަން އިތުރު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫޝަން ސްޓްރެޓެޖީގައި ވަނީ، ހިމަނާފައެވެ. މާލީ ދާއިރާގެ ޝާމިލްވުން އިތުރުކުރަންޖެހޭ މިންވަރު އަދަދުތަކުން އެނގެއެވެ. މިކަން ސާފުވާ އެންމެ ބޮޑު އެއް ދިރާސާއަކީ، 2024 ވަނަ އަހަރު ވޯލްޑް ބޭންކުން ޑިޖިޓަލް ފައިނޭންޝިއަލް އިންކްލޫޝަން އެންޑް ފައިނޭންޝިއަލް ކޮންސިއުމަރ ޕްރޮޓެކްޝަން ދިރާސާއެވެ.
މި ދިރާސާ ދައްކާގޮތުން އާބާދީގެ %90 އަށްވުރެ ގިނަ މީހުން ބޭންކް އެކައުންޓް ބޭނުންކުރާއިރު، ބޭންކުތަކުން ދޭ މާލީ ޚިދުމަތްތަކުން ތަފްސީލްތައް ދަންނަ މިންވަރު ކުޑައެވެ. މިއަދަދު ހުރީ، %35 ގައެވެ. މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންކުރާ އިންޝުއަރެންސް ޚިދުމަތުގެ މައުލޫމާތު އެނގެނީ، އެންމެ %6 މީހުންނަށް ކަމަށް ދިރާސާއިން ދައްކައެވެ.
އެމްއެމްއޭގެ މަސައްކަތްތައް މާލީ ހޭލުންތެރިކަމަށް އިސްކަންދީގެން ފަށާފައިވާއިރު، މިމަހުގެ 2 އިން 4 އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯއަކީ މިމަޤްޞަދު ހާސިލުކުރަން ބޭނުންކުރި ބޮޑު މަންސައެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލީ ދާއިރާގައި ހަރަކާތްތެރިވާ 38 ފަރާތެއް އެކްސްޕޯގައި ތަމްސީލްވެގެން ދިޔައިރު ކޮންމެ ފަރާތަކުންވެސް ފާހަގަކުރި އެއްކަމަކީ މާލީ ދާއިރާގެ ކަންކަމަށް ރައްޔިތުންގެ ލޯ ހުޅުވުމަށް އެކްސްޕޯ އަދާކުރި ދައުރެވެ.
ފައިނޭންޝިއަލް އެކްސްޕޯގައި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، މާލީ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ޚިދުމަތްދޭ ފަރާތްތައް ބައިވެރިވިއެވެ.
މި އެކްސްޕޯގެ އެގްޒިބިޓަރުންވެސް ފާހަގަކުރި އެއް ކަމަކީ މާލީ ދައިރާއަށް އާންމުންގެ ހޭލުންތެރިކަން ކުޑަކަމެކެވެ. ގިނަ ފަރާތްތަކަށް ފައިނޭންސިން ލިބޭކަން އެނގުނުމަމަވެސް، އެ ފަރާތަކާ އެންމެ ގުޅޭ ފައިނޭންސިން ޕްރޮޑަކްޓެއް ދެނެ ނުގަނެވެ. މިހެންވުމުން އެކަށީގެންވާ މައުލޫމާތު ނެތި، މަސައްކަތް ފުޅާކުރުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
"މިހާރު ގިނަ ފަރާތްތަކަށް އެނގޭ ކުދި ވިޔަފާރިތަކަށްވެސް ލިބޭ ފައިނޭންސިން އެބަހުރިކަން. ނޫނީ އެއާއި ގުޅޭ މައުލޫމާތުވެސް ރަނގަޅަށް ގިނަ ފަރާތްތަކަށް ލިބިފައި ނެތް." އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
"އިންޝިއުރެންސްގެ މުހިންމުކަން އަދިވެސް ގިނަ މީހުންނަށް ބަލައި ނުގަނެވޭހެން. އާންމުންގެ މެދުގައި އިންޝުރެންސްގެ ހޭލުންތެރިކަން އިތުރުކޮށްދީ ތަކާފުލް އަދި ކޮންވެންޝަނަލް އިންޝުއަރެންސްގެ ތަފާތު ކިޔައިދީ، މިކަންކަމާއި ގުޅޭ މުހިންމު މައުލޫމާތު އެއްތާކުން ލިބޭނެ ކަންނޭގެ މިކަހަލަ އެކްސްޕޯތަކުން." އަމާނާ ތަކާފުލްއިން ބުންޏެވެ.
ބޭރު ޤައުމުތަކުގައި މާލީ މަންފާ ހޯދުމުގައި މުސްތަޤުބަލު ރޭވުމުގައި އިންވެސްޓްކުރުމަކީ، ވަރަށް އާންމު ކަމެކެވެ. ނަމަވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން އިންވެސްޓްމެންޓަށް ރައްކާތެރިކަން ލިބިފައިވާ ފުރުސަތުތައް ރާއްޖެއަށް ބަލާނަމަވެސް މަދެވެ. ނަމަވެސް މިހާރު ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދައިރާގައި އަމިއްލަ ފަރާތްތައް މެދުވެރިކޮށް އެކި ކަންކަމުގައި އިންވެސްޓް ކުރެވޭނެ ފުރުޞަތު ވަނީ ހުޅުވިފައެވެ. ސީއެމްޑީއޭގެ ލިސްޓެޑް ކުންފުނިތަކުން ފައިދާވެސް ދަނީ ދެމުންނެވެ.
"ވަރަށް ބޮޑު ހޭލުންތެރިކަމެއް ލިބިގެންދާނެ ފައިނޭންޝިއަލް ސެކްޓަރގައި ހުރި ފުރުސަތުތަކާއި އަދި އެސެކްޓަރ މެދުވެރިކޮށް ރައްޔިތުން އެންމެ ރަނގަޅު ޚިދުމަތްތައް ހޯދާނީ ކިހިނެއްތޯ. އެހެންވީމަ ވަރަށް ރަނގަޅު އެކްސްޕޯއެއް ކަމަށް ދެކެން މި އެކްސްޕޯއަކީ." ދިވެހި އިންވެސްޓްމެންޓް ޕާޓްނާސްއިން ބުންޏެވެ.
"ކުންފުނިތަކުން ރަނގަޅު ފައިދާތަކެއް ދެމުންދަނީ. މީގެ އިތުރަށް ކުންފުނިތަކުގެ ހިއްސާވެސް އޯވާ ޓައިމް ވަރަށް ބޮޑަށް މައްޗަށް ގޮސްފައި މިހިރީ. އެހެންވީމަ ކެޕިޓަލް މާކެޓަކީ، އިންވެސްޓްކޮށް ރަނގަޅު ނަފާއެއް ހޯދުމުގެ ފުރުސަތު އޮތް ތަނެއް." މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓްރީން ބުންޏެވެ.
ރާއްޖޭގެ ޒަމާނީ އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ފައިނޭންޝިއަލް މާކެޓެއް ޤާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މިއަމާޒަށް ވާސިލްވުމަށް ފުރަތަމަ ބިންގަލަކަށް ވާންޖެހެނީ މާލީ ދައިރާއަށް އާންމުންގެ ހޭލުންތެރިކަން އިތުރުވުމެވެ.
ހަމައެކަނި ލޯނެއްގެ މައުލޫމާތު އެނގުމެއް ނޫނެވެ. އެދައިރާއިން އިންވެސްޓުކޮށް އެ ދައިރާގެ އެކި ވަސީލަތްތައް ބޭނުން ކުރުމަށް ފަރިތަ ވާންޖެހެއެވެ. ހަމައެކަނި އާންމު މާލީ ޚިދުމަތްތަކެއް އެކަނި ނޫނެވެ. މާލީ ބާޒާރުގައި ޝަރީޢާގެ އުސޫލްތަކަށް ފެތޭ މާލީ ޚިދުމަތްތައްވެސް އެބަހުއްޓެވެ. މިއީ ސިންދަފާތުވެފައިވާ މާލީ ބާޒާރަކަށް މިހާރު ބިންގާ މިވަނީ ރާއްޖޭގައި އެޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ