އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ "އެއާ ފޯސް ވަން" މަތިންދާބޯޓުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކުރި ހަބަރުތަކަކާ ގުޅިގެން، އެ ނޫހުގެ ބައެއް ނޫސްވެރިން ހެކިބަސް ދިނުމަށް ހާޒިރުވުމަށް އަމުރުކޮށްފި އެވެ.
ނިއުޔޯކް ޓައިމްސް އިން ހާމަކުރި ގޮތުގައި، ފެޑަރަލް އެޖެންޓުން ވަނީ ބައެއް ނޫސްވެރިން ދިރިއުޅޭ ގެތަކަށް ގޮސް، ހިނގަމުންދާ ޖިނާއީ ތަހުގީގެއްގައި ފެޑަރަލް ގްރޭންޑް ޖޫރީއެއްގެ ކުރިމައްޗަށް ހާޒިރުވުމަށް އަންގައި ކޯޓު އަމުރު ހަވާލުކޮށްފަ އެވެ.
MU STORE
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
ގަތަރު ސަރުކާރުން ހަދިޔާކުރި އެ މަތިންދާބޯޓުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ނޫން ކަމަށް ބުނެ އެ ނޫހުން ވަނީ ސިލްސިލާ ރިޕޯޓްތަކެއް ޝާއިޢުކޮށްފަ އެވެ. އަދި ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމުގައި، އެ ބޯޓުގެ ބަދަލުގައި އެހެން ބޯޓެއް ބޭނުންކުރުމަށް ސީކްރެޓް ސާވިސް އިން ޓްރަމްޕަށް ލަފާދީފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ، އެ އިދާރާއިން ތަހުގީގު ކުރަމުންދަނީ ގާނޫނާ ހިލާފަށް ސިއްރު މައުލޫމާތުތަކެއް ބޭރުކުރި މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގުގެ އަމާޒަކީ ނޫސްވެރިން ނޫން ކަމަށާއި، އަމާޒަކީ ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަކުރި ފަރާތްތައް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ނިއުޔޯކް ޓައިމްސްގެ އިސް ގާނޫނީ ވަކީލު ޑޭވިޑް މެކްރޯ މި އަމުރުތައް ސިފަކުރެއްވީ "ލަދުކުޑަ އަމަލެއްގެ" ގޮތުގަ އެވެ. އޭނާ ވިދާޅުވީ މިއީ ނޫސްވެރިންނަށް ބިރުދައްކައިގެން، ގައުމުގައި ހިނގާ ކަންކަން ރައްޔިތުންނަށް އެނގުނު ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ކޯޓުން ނުވަތަ ސަރުކާރުގެ އިދާރާއަކުން މީހަކު ހާޒިރުވުމަށް ނުވަތަ ހެކި ހުށަހެޅުމަށް މަޖުބޫރުކޮށް ނެރުނު މި އަމުރުތަކުގައި ބުނެފައިވަނީ، ނޫސްވެރިންގެ ހެކިބަސް ބޭނުންވަނީ "ފެޑަރަލް ޖިނާއީ ގާނޫނަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން" ކަމަށެވެ.
އަންނަ ބުދަ ދުވަހު މެންހަޓަންގައި އޮންނަ ގްރޭންޑް ޖޫރީއެއްގެ ކުރިމައްޗަށް ނޫސްވެރިން ހާޒިރުވާން ޖެހޭނެ ކަމަށް އެ ނޫހުން ބުނެ އެވެ. ގްރޭންޑް ޖޫރީއަކީ ހެކިތައް ދިރާސާކޮށް، މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ހުރިތޯ ނިންމުމަށް އާންމު ރައްޔިތުން ހިމަނައިގެން ސަރުކާރުން އެކުލަވާލާ މަޖިލީހެކެވެ.
ނިއުޔޯކް ޓައިމްސް އިން ރައީސްގެ މަތިންދާބޯޓުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ރިޕޯޓްކޮށްފައިވަނީ ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އެވެ. ދައުލަތުގެ ސިއްރު މައުލޫމާތު މީޑިއާއަށް ހާމަކުރުމަކީ ކުށެއް ނަމަވެސް، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި މައުލޫމާތު ފެތުރުމުގެ މިނިވަންކަން އެމެރިކާގެ ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދެ އެވެ.
ނިއުޔޯކް ޓައިމްސް އިން ބުދަ ދުވަހު ރިޕޯޓްކުރި ގޮތުގައި، ތުރުކީގައި އޮތް ނޭޓޯ ސަމިޓަށް ރައީސް ޓްރަމްޕް ވަޑައިގަތީ އާ އެއާ ފޯސް ވަން ބޯޓުގައި ކަމަށްވީ ނަމަވެސް، ސީކްރެޓް ސާވިސްގެ ލަފާގެ މަތިން އެނބުރި ވަޑައިގަތީ ކުރީގެ ބޯޓެއްގަ އެވެ. ޖެހިގެން އައި ދުވަހު އެ ނޫހުން ރިޕޯޓްކުރި ގޮތުގައި، އާ ބޯޓުގައި މިސައިލް ހަމަލާތަކުން ދިފާއުވުމުގެ ނިޒާމު ފަދަ ޒަމާނީ ސަލާމަތީ ވަސީލަތްތައް ނެތުމުން ސަލާމަތީ ބާރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ނޫސްވެރިން ރިޕޯޓްކުރަނީ ހަގީގަތް. އެއީ ސަރުކާރު ހިނގާ ގޮތާއި ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކުރާ ގޮތް އެނގުމަށް އެމެރިކާގެ ރައްޔިތުންނަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތެއް،" ވަކީލު މެކްރޯ ވިދާޅުވި އެވެ.
މި ރިޕޯޓްތައް ފެންމަތިވަމުން ދިޔަ ދަނޑިވަޅަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގުޅިގެން އީރާނާއެކު އޮތް މަސްރަހު ގޯސްވެ، އެމެރިކާއިން ހަމަލާތަކެއް ދެމުންދިޔަ ވަގުތެކެވެ.
ނިމިދިޔަ މަހު ރައީސް ޓްރަމްޕް ވަނީ އާ އެއާ ފޯސް ވަންގެ ގޮތުގައި ބޭނުންކުރާނެ ބޮއިންގް 747-8 މަރުކާގެ ޖެޓް ދައްކާލާފަ އެވެ. މި ބޯޓަކީ މިދިޔަ އަހަރު ގަތަރު ސަރުކާރުން އެއްވެސް ޝަރުތަކާ ނުލައި އެމެރިކާއަށް ދިން ހަދިޔާއެކެވެ.
ނިއުޔޯކް ޓައިމްސްގެ ނޫސްވެރިން ތަހުގީގަށް ހާޒިރުވާން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ