ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިބީ އިސްލާހީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި، އެހެންކަމުން ގުޅިފައިވާ އިއްތިހާދުން ހިންގާނީ ފުރިހަމަ ދިވެހިރައްޔިތުންގެ ސަރުކާރެއް ކަމަށް، އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ޅ. ކުރެންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، އިއްތިހާދުން ހިންގާނީ ރައްޔިތުން ކަންކަމުގައި އާދޭސްކުރަންނުޖެހޭ ސަރުކާރެއް ކަމަށާއި، އެއީ ރައްޔިތުން ގާތަށްގޮސް، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރަކަށް ވާނޭ ކަމަށެވެ.
އެގޮތުން އެކަމުގައި 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަމުގައި ގުޅިފައިވާ އިއްތިހާދު ސާބިތުކަމާއެކު އޮންނާނެ ކަމަށާއި، އެއީ ވައުދެއް ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
މިފަހަރު ނޫނީ، ރާއްޖޭގެ ރައްޔިތުން މިހާބޮޑަށް އިސްލާހަށް ބޭނުންވެގެން އުޅޭ ދުވަސްވަރެއް ނާންނަ ކަމަށާއި، ރާއްޖޭގެ ރައްޔިތުން އިސްލާހީ ބަދަލަކަށް މިހާވަރަށް މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ސަބަބުތައް ހުރުމުން ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން މިއަދު އެންމެބޮޑަށް ބޭނުންވެގެން އުޅެނީ އިންސާފު ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
"އެންމެބޮޑު މައްސަލައަކީ އިންސާފެއްނެތުން. އާއިލާތަކަށް ލިބެމުންދާ އަނިޔާ. އާއިލާތަކާއެކު އުޅެވޭނެގޮތް ވުމަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންތައް. ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ އިންސާފު. ކުށެއްނެތި އެތައްބަޔަކަށް އެކި ގޮތްގޮތުން އަނިޔާލިބެމުންދަނީ، މިކަން ހުއްޓުމަކަށް ގެންނަންޖެހޭ، އަނިޔާވެރިކަމަކީ އިސްލާމްދީންވެސް މަނާކުރާކަމެއް" ފައިސަލް ނަސީމް ވިދާޅުވިއެވެ.
ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖޭގައި ފިއްތުންތަކާއި، ބިރުދެއްކުން ދުވަހަކުވެސް ނުވާ މިންވަރަށް އެބައޮތް ކަމަށާއި، ސަރުކާރު މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް، ސަރުކާރު މުވައްޒަފުންވެސް އިއްތިހާދާއެކު ނުކުތުމަށާއި، އެންމެ ގުޅިގެން މިކަން ހައްލުކޮށް، މިބިރުވެރިކަން ނިމުމަކަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަބައެއްގެ ތަރްހީބު އިއްތިހާދަށް ދަނީ ލިބެމުން ކަމަށާއި، ޕީޕީއެމްއަށް ނިސްބަތްވާ ގިނަބަޔަކު އިއްތިހާދުގެ ހަރަކާތްތަކުން ފެންނަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ޕީޕީއެމްގެ ހަގީގީ ލީޑަރުވެސް ހުންނެވީ ގުޅިފައިވާ އިއްތިހާދުގައި ކަމަށާއި، އެހެންކަމުން ޕީޕީއެމްގެ މެމްބަރުންވެސް އިއްތިހާދުގެ ބައިވެރިންނާ އެއް އޮޑިއަކަށް އެރުމަށް ފައިސަލް ނަސީމް ގޮވާލެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެންމެނަށްވެސް ބޮޑުވެފައިވާ މައްސަލައެއްކަން ވިދާޅުވެ، ފައިސަލް ނަސީމްވަނީ ބޯހިޔާވަހިކަމުގެ މައްސަލާގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށާއި، އެނޫންވެސް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފައިސަލް ނަސީމް ވިދާޅުވީ، އިއްތިހާދުގެ ވެރިކަމުގައި ރަށްޓެހި މީހާއަށް ފްލެޓް ނުބަހާނެ ކަމަށެވެ. އަދި ހަމަ އެއާއެކު ވަޒީފާ ދިނުމުގައި ހަމަހަމަކަމާއި މެރިޓަށް ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަގުމަތީގައި ކައިވެނިކޮށްދޭން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، އެހެންނަމަވެސް މަގުމަތީގައި ކައިވެނިކުރާ މީހުން ދިރިއުޅެންވެސް ޖެހެނީ މަގުމަތީގައިތޯ ފައިސަލް ސުވާލު ކުރެއްވިއެވެ. ތަނެއްގައި ތިބެފައި މިގޮތަށް ހިތަށްއެރި ކަމެއް ކުރައްވާއިރު، ރައްޔިތުންގެ އިހްސާސްތައް ސަރުކާރަށް އެންގެންޖެހޭ ކަމަށާއި، ރައްޔިތުންގެ އިހްސާސްތައް އެނގޭނީ ރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށް ވިދާޅުވިއެވެ.
ފައިސަލް ނަސީމްގެ ވާހަކަފުޅުގައި ވިދާޅުވީ، އިއްތިހާދުގެ ސަރުކާރެއްގައި ޒުވާނުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެ ކަމަށެވެ. އިއްތިހާދުގެ ވެރިކަމުގައި ޒުވާނުން ތިބޭނީ ޖަލުގައިނޫން ކަމަށާއި، ޒުވާނުން އުޅޭނީ އާއިލާއެކު ހިތްހަމަޖެހިގެން ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑުތައްވެސް އައްސަވައިފި ކަމަށާއި، އިއްތިހާދުގެ ވެރިކަމުގައި އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރަ ލިބި ހަމަޖެހިލައިގެން އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ކުރައްވާނެ ކަމެއް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބައެއް ރިސޯޓްތަކުގެ ވޯޓް ރީރަޖިސްޓަރީ ނުކުރެވޭ ކަމުގެ ރިޕޯޓްތަކެއް ލިބިވަޑައިގެންފައިވާކަން ފާހަގަ ކުރައްވައި ފައިސަލް ނަސީމްވަނީ، ވޯޓްލުމުގެ ހައްގު ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް އިލެކްޝަނަށް ގޮވާލައްވާފައެވެ. އަދި ގާނޫނާ އެއްގޮތަށް، ތަފާތު ކުރުމެއްނެތި ކަންކަން ކުރެއްވުމަށްވެސް އިލެކްޝަނަށް ގޮވާލެއްވިއެވެ.
އަބަދު އެއްގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި، ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެއްވުމަށާއި، އިލެކްޝަނަކަސް، ބރޯޑްކޮމް މެމްބަރެއްވިޔަސް، ގާނޫނު އަރާ ހަމަކުރާނެ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ގުޅިފައިވާ އިއްތިހާދުން ހިންގާނީ ރައްޔިތުން އާދޭސްކުރަންނުޖެހޭ، ފުރިހަމަ ދިވެހިރައްޔިތުންގެ ސަރުކާރެއް: ފައިސަލް ނަސީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ