އާސެނަލުން 70 މިލިއަން ޑޮލަރު ދީފައި ޗެލްސީގެ މަޑުއޭކޭ ގަނެފި އާސެނަލުން 70 މިލިއަން ޑޮލަރު ދީފައި ޗެލްސީގެ މަޑުއޭކޭ ގަނެފި

ލަންޑަން (ޖުލައި 19) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ނޯނީ މަޑުއޭކޭ، 70 މިލިއަން ޑޮލަރުގެ ފީ އަކަށް އާސެނަލުން ގަނެފި އެވެ.
އުމުރުން 23 އަހަރުގެ މަޑުއޭކޭ، އާސެނަލަށް ބަދަލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އިން 2023 ވަނަ އަހަރު ޖެނުއަރީ މަހު، މަޑުއޭކޭ، ޗެލްސީ އަށް ސޮއިކުރީ، 40 މިލިއަން ޑޮލަރުގެ ފީ އަަކަށެވެ. މަޑުއޭކޭ، ޗެލްސީއާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ފަސް އަހަރު އެބައޮތެވެ. އެކަމަކު، ޗެލްސީން މި ވަނީ، އެ ކްލަބްގެ ޓެކްނިކަލް ޓީމާ މަޝްވަރާކޮށް، އާސެނަަލުން ބޮޑު އަގެއް ދިނުމުން މަޑުއެކޭ ވިއްކާލައިފަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، މަޑުއޭކޭ އަކީ އެ ކްލަބުން ކުރިއަށްގެންދާ ޕްރޮޖެކްޓަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
މިދިޔަ ސީޒަނުގައި ޗެލްސީން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މުޅި ސީޒަނުގައި މަޑުއޭކޭ ވަނީ ޗެލްސީގެ 45 މެޗުގައި ކުޅެ، 11 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި، ޗެލްސީ އަށް ބަދަލުވި ފަހުން މިހާތަނަށް އެ ޓީމަށް، 91 މެޗު ވަނީ ކުޅެދީފަ އެވެ.
މަޑުއޭކޭ ވެގެންދާނީ މި ފަހަރުގެ ޓްރާންސްފާގައި އާސެނަލާ ގުޅޭނެ ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. އާސެނަލުން ވަނީ ރެއާލް ސޮސިއެޑާޑްގެ މާޓިން ޒުބިމެންޑީ އާއި ބްރެންޓްފޯޑްގެ ކްރިސްޓިއަން ނޯގާޑް އަދި ޗެލްސީ އަށް ކުޅުނު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ސޮއިކޮށްފަ އެވެ. ޒުބިމެންޑީ ގަންނަން 77 މިިލިއަން ޑޮލަރު ހޭދަކުރިއިރު، ނޯގާޑް ގަންނަން 14 މިލިއަން ޑޮލަރު ދެއްކި އެވެ. އަދި ކެޕާ ގަންނަން ޗެލްސީ އަށް ހަ މިލިއަން ޑޮލަރު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ