ރިޔާސީ އިންތިހާބު 2008: ދައުރުގެ މެދުތެރެއިން އެހެން މީހަކާ ވެރިކަން ހަވާލުކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް: މައުމޫން

ރިޔާސީ އިންތިހާބަށް ވަކި ބޭފުޅަކު ހޮވިވަޑައިގަތުމަށް ފަހު ދައުރުގެ މެދުތެރެއިން އެހެން މީހަކާ ވެރިކަން ހަވާލުކުރުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީއާ ވެސް ހިލާފު ކަމެއް ކަމަށް ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވިއްޖެ ނަމަ އެމްޑީޕީގެ ގުޅުމެއްގެ ވެރިކަމުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވީ އެގޮތަށް އަމަލުކުރުމަކީ "ރައްޔިތުންނަށް ހެދޭ މަކަރެއް" ކަމަށެވެ.
"އެހެންވެއްޖިއްޔާ އެއީ ގާނޫނީ ކުށެއް ދެއްތޯ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް. ގާނޫނު އަސާސީގައި ބުނަނީ ފަސް އަހަރަށޭ ރައީސަކު ހޮވާނީ. އެހެންވީމަ އެ އަޒުމްގައި އެ ހޮވޭ މީހަކު ވެސް ހުންނަން ޖެހޭނީ. ފަސް އަހަރު ހިދުމަތް ކުރުމަށް. ފަސް އަހަރުގެ ތެރޭގައި ދިމާވާ ކަމަކުން، މިސާލަކަށް އެ މީހާ ބަލިވުން ނުވަތަ އެހެން ގޮތެއް ދިމާވުން ނުވަތަ ކޮންމެވެސް ކަމެއް ފޭލިވުން، އިސްތިއުފާ ދޭން ބޭނުންވެގެން އިސްތިއުފާ ދިނުން. އެއީ މުޅިން އެހެން ކަމެއް،" މައުމޫން 2008 އޮފީހުގައި ބުރާސްފަތި ދުވަހު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވި އެވެ. "އެކަމަކު އިންތިހާބުވުމުގެ ކުރިން ތިމަންނަ ހުންނާނީ މިތައް އަހަރުއޭ، މިތައް މަހުއޭ. ދެން ހުރެފައި އެހެން މީހަކަށް ދޭނީއޭ. އެއީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް ކުރެވޭ ކަމެއް. އަދި ރައްޔިތުންނަށް ހެދޭ މަކަރެއް. ރައްޔިތުން މީހަކު އިންތިހާބު މި ކުރަނީ ފަސް އަހަރަށް. އެ ފަސް އަހަރު ހުންނަން ޖެހޭނެ. އެ އަޒުމްގައި ހޮވެން ޖެހޭނީ."
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން މައުމޫނަށް ކާމިޔާބު ލިބިވަޑައިގެންފި ނަމަ އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ ޔާމީނަށް ވެރިކަން ދެއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ "ގައުމުގެ ރިޔާސަތަކީ މީހެއްގެ އަތަށް ރައްޔިތުން ތަބަކަކަށް ލާފައި ގެނެސް ދޭ އެއްޗެއް ނޫން" ކަމަށާއި "ބޭނުންހާ މީހަކަށް ދިއްކޮށްލެވޭނެ އެއްޗެއް ނޫން" ކަމަށެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު އިންތިހާބުގެ ދެވަނަ ބުރުން ހޮވިވަޑައިގެންފި ނަމަ ވަކި މީހަކަށް ވެރިކަން ދިނުމަށް ވާހަކަތަކެއް ދެކެވިފައި ނުވާނެ ކަމަށާއި އެއީ ގާނޫނީ ގޮތުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މައުމޫން އަދި ވިދާޅުވީ އެމަނިކުފާނު ހޮވިވަޑައިގެންފި ނަމަ ކުރިއަށް އޮތް ފަސް އަހަރު ވެސް ނާއިބު ރައީސަކަށް ހުންނަވާނީ އަހުމަދު ތަސްމީން އަލީ ކަމަށެވެ.
ޑީއާރުޕީގެ ޒައީމް ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނަށް ތާއީދު ކުރާ އެމްއެސްޑީޕީ އާއި ޕީޕަލްސް ޕާޓީ އާއި އަދި އަލަށް ޑީއާރުޕީއާ ގުޅުނު ރާއްޖެ އިން ފަގީރުކަން ނައްތާލަން މަސައްކަތް ކުރާ ޕާޓީން ވެސް ބައިވެރިވެ، މައުމޫނަށް ތާއީދުކުރާކަން ހާމަކުރި އެވެ. އެހެން ނަމަވެސް ޑީއާރުޕީއާ އެކު ދާދި ފަހުން ކޯލިޝަން އުފެއްދި އަބްދުﷲ ޔާމީންގެ ޕީއޭއިން ބައިވެރިއެއް ނުވެ އެވެ. ޒައީމް މައުމޫން ވިދާޅުވީ ޕީއޭއިން އެ ނިއުސް ކޮންފަރެންސްގައި ބައިވެރި ނުވީ ދިމާވި ކަމަކުން ކަމަށާއި އެހެން ނަމަވެސް އެ ޕާޓީގެ ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ.
މައުމޫން ވިދާޅުވީ އެ ހުރިހާ ޕާޓީތަކުން ޑީއާރުޕީ އަށް ނުވަތަ އެ މަނިކުފާނަށް ތާއީދުކުރަނީ އެއްވެސް ޝަރުތަކާއެކު ނޫން ކަމަށާއި އެއްވެސް އަމިއްލަ މަސްލަހަތެއް ނެތި ކަމަށެވެ. ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ މިހާރު އޮތް ވެރިކަން ފުނޑުފުނޑުކޮށްލާފައި އާ ވެރިކަމެއް ގާއިމްކުރަން ބޭނުންވާ ކަމަށް ސިޔާސީ ޕާޓީއެއްގެ ރަނިންމޭޓަކު ވިދާޅުވި ވާހަކަ އެއްސެވި ކަމަށާއި އެކަމަކު ޑީއާރުޕީ އަކީ ސުލްހަވެރި ބައެއް ކަމަށެވެ.
"އަޅުގަނޑު މާތް ﷲގެ އިރާދަފުޅާއެކު އަދި ދިވެހި ރައްޔިތުންގެ ތާއީދާ އެކީގައި ކުރިއަށް އޮތް ފަސް އަހަރަށް ހޮވިއްޖިއްޔާ އަޅުގަނޑު އެއްވެސް މީހަކާ ދޭތެރޭ ޒާތީ ގޮތެއް ނުގެންގުޅޭނަން. އެއްވެސް ޕާޓީއަކުން ބިރުގަންނާނެ ކަމެއް ނެތޭ. އަޅުގަނޑަކީ ދުވަހަކު ވެސް އެއްވެސް މީހަކާ ބެހޭ ގޮތުން ވެސް އެއްވެސް ޖަމާއަތަކާ ބެހޭ ގޮތުން ވެސް ޒާތީ ގޮތެއް ގެންގުޅެ ބަދަލު ހިފާފައިވާ މީހެއް ނޫން. އެއީ އަޅުގަނޑު ދަންނަ ކަމެއް ނޫން. އެހެންވީމަ ކުރިއަށް އޮތް ތާނގައި ވެސް ހުރިހާ ޕާޓީތަކާ ގުޅިގެން އަޅުގަނޑު މަސައްކަތް ކުރާނީ. އަޅުގަނޑަށް އެނގޭ ގައުމުގައި ތަފާތު ވިސްނުންތަކާއި ހިޔާލު އެބަހުރިކަން. އެ ހުރިހާ ކަމެއް އެއްކޮށްގެން ރައްޔިތުންގެ މަޝްވަރާގެ މަތިން ކަންތައް ކުރާނީ. އެއްވެސް ސިޔާސީ ޕާޓީއަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނަން. އެއްވެސް މީހަކާ ދިމާލަށް ޒާތީ ގޮތުން ކަމެއް ނުކުރާނަން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ