ލާމަރުކަޒީ ނިޒާމު ފުރިހަމަވާން ފަސް އަހަރު ނަގާނެ: އުމަރު

މުޅިން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމްވާން އަދި ފަސް ވަރަކަށް އަހަރު ނަގާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެލްޖީއޭގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނައީ އެ ނިޒާމް ގެއްލިގެން ދާނެ ގޮތަށް ނޫން ކަމަށާއި އެ ނިޒާމު ދެން ރާއްޖޭގައި ގެއްލުވާ ނުލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ފަހަތައް އެނބުރި ބެލުމެއް ނެތި ދާނީ ކުރިއަށް ކަމަށެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ނިޒާމެއް ވެސް ރަނގަޅަށް ހިނގައިގަންނަން 10 ވަރަކަށް އަހަރު ބޭނުންވާ ކަމަށާއި އެހެންކަމުން މުޅިން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމްވާން އަދި ފަސް ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު ފާސްވެގެން އައީ ސިޔާސީ ގޮތުން ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި ކަމަށާއި އޭގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި އެ ނިޒާމް ހިންގުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މެދުވެރިވި ކަމަށެވެ.
"ކޮންމެ ބައެއް، ކޮންމެ ސަރުކާރަކު ވެރިކަން ހިންގި ނަމަވެސް އެ ސަރުކާރެއްގެ ސިޔާސަތާއި އެއްގޮތަށް ލާމަރުކަޒީ ނިޒާމު ކުރިއަށް ދާނެ. މި ނިޒާމު ދެން ރާއްޖޭގައި ގެއްލުވައެއް ނުލެވޭނެ،" އުމަރު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވަނީ އެލްޖީއޭ އިން ކޮންމެ ހަތަރު މަހަކުން އެއްމަހު ނެރޭ "ކަންގަތި" މަޖައްލާ ނެރެފަ އެވެ. އެ މަޖައްލާ ނެރެދެއްވީ އެލްޖީއޭގެ ނައިބު ރައީސް އަދި މ. އަތޮޅު ކައުންސިލްގެ މެމްބަރު މޫސާ ނަސީރު އަހްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ