ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަށްޓަކައި ބާރުވެރި ފަރާތްތަކުން އަންގާ އެއްގުންތަކަށް ކިޔަމަނެއް ނުވާނަން: ގާސިމް

ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަށް ޓަކައި ބާރުވެރި ފަރާތަކުން އަންގާ އެއްގުންތަކަށް ކިޔަމަންވެވަޑައި ނުގަންނަވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ(އަށް މަޖިލީހުން މިއަދު ކަނޑައެޅުއްވި މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާ ވާދަކުރައްވައި ދެ ވޯޓްގެ ތަފާތަކުން ޖޭއެސްސީގެ މެންބަރު ކަމަށް ހޮވިވަޑައިގެންނެވުމަށް ފަހު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ފަނޑިޔާރުންގެ ނިންމުންތަކާއި ކޯޓްތަކުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ޝަރުއީ ނިޒާމުގެ ތެރެއަށް ބާރުފޯރުވުމަށް ޓަކައި ބަޔަކު ކުރަމުންދާ މަސައްކަތްތަކަކީ ކޮށްގެންވާނެ ކަންތަތެއް ނޫން ކަމަށެވެ. އަދި އެފަދަ ބާރުވެރި ފަރާތަކުން ކުރާ މަސައްކަތްތަކަށް ކިޔަމަންވެ ވަޑައިނުގަންނަވާނެ ކަމަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ އަދުލު އިންސާފުގެ ކުރިމަތީގައި ހައްގުގެ މަގުގައި އަބަދު ވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
"ޖުޑީޝަރީ މިނިވަންކޮށް ބޭވުމަށްޓަކައި ފަނޑިޔާރުންނަށް ދެވޭ ކޮންފިޑެންސްގެ ބަދަލުގައި، އެއްވެސް ފަރާތަކުން ހާއްސަކޮށް ބާރުވެރި ފަރާތަކުން އެކަމަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށްކޮށްގެންވާނެ ކަމެއް ނޫން. އެ )ޖޭއެސްސީގެ މެންބަރު ކަމުގެ( މަގާމުގައި ހުއްޓައި ބާރުވެރި ފަރާތަކުން އެންގިޔަސް އަޅުގަނޑު ހަމަގައިމު ވެސް ކިޔަމަންނުވާނަން،" ގާނޫނު އަސާސީ އިސްލާހު ކުރުމަށް އުފެއްދެވި ހާއްސަ މަޖިލީހުގެ ރައީސްގެ މަގާމުގައި ދެ ތިން އަހަރު ފުރުއްވި ގާސިމް މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރްޕީ/ޕީއޭ ކޯލިޝަނާއި މިނިވަން މެންބަރުން އެމަނިކުފާނަށް ދެއްވި ވޯޓަކީ ތިން ބާރު ވަކިވެފައިވާ ނިޒާމް އޭގެ ގޮތުގައި ބޭއްވުމަށް ޓަކައި ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ.
ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ކުރިން ކަނޑައަޅާފައިވާ މެންބަރު އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި ޑރ. އަފްރާޝީމް އަލީ އެމަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާއެކު ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވަން ގަސްތުކުރައްވަންތޯ ދެންނެވުމުން ގާސިމް ވިދާޅުވި އެކަމާ އަދި ނުވިސްނަވާ ކަމަށެވެ.
ގާސިމް މިއަދު ޖޭއެސްސީ އަށް ހޮވިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.
މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ގާސިމްގެ ފަރާތްޕުޅުން ޖޭއެސްސީއަށް އަގުހުރި ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ޖޭއެސްސީއަށް ހޮއްވެވުމަށްޓަކައި ޑީއާރްޕީ/ޕީއޭ ކޯލިޝަނާއި އިދިކޮޅު ޕާޓީތަކުގެ އިތުރުން އަމިއްލަ މެންބަރުން ދެއްވެވި ވޯޓަށް ޓަކައި ޝުކުރު އަދާކުރެއްވެވި އެވެ.
"ގާސިމް އިބްރާހިމަކީ އިސްލާހަށް މަސައްކަތް ކުރައްވާ އަދުލު އިންސާފަށް ލޯބިކުރައްވާ، ސިޔާސީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އަގުހުރި ހިދުމަތްތަކެއް ލިބިގެންދާނެކަން ކަށަވަރެވެ... ގާސިމް އިބްރާހިމް އިންތިހާބު ކުރެއްވުމަށް ވޯޓް ދެއްވި ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޕާޓީ އާއި ޕީޕަލްސް އެލަޔަންސާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ ތަމްސީލް ކުރައްވާ މެންބަރުގެ އިތުރުން މަޖިލީހުގެ އަމިއްލަ މެންބަރުނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ." ޑިމޮކްރަސީގެ އެންމެ މުހިންމު ތަނބު ކަމުގައިވާ ޝަރުއީ ދާއިރާ، ސިޔާސީ ނުފޫޒުން މިނިވަންވެފައި ބޭވުމަށްޓަކައި ދެއްވި ވޯޓަށް ޝުކުރު އަދާކޮށް މައުމޫން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ