ބިދޭސީ ވެއިޓަރު މަރާލި މައްސަލަ އާބިދުގެ މައްޗަށް ސާބިތުވެއްޖެ

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކައްކާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެއެވެ.
މިމައްސަލައަކީ، ހުޅުމާލޭގެ ޚާންޖީ ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލިކަމަށް އެ ރެސްޓޯރެންޓުގެ ކައްކާ މުޙައްމަދު އާބިދުއަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން ޕާކިސްތާނުގެ ކައްކާގެ މައްޗަށް އުފުލާފައިވަނީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް މިދިޔަ ބުދަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ވަނީ ޙުކުމް ކުރައްވާފައެވެ. މި މައްސަލަ ކުރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އަޙްމަދު ޝާފިޢުއެވެ.
އާބިދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމުން އޭނާ ވަނީ، އެ ކުށަށް އިންކާރުކޮށްފައެވެ. އޭނާ ޝަރީއަތުގައި ބުނެފައިވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ ވެއިޓަރަށް ހަމަލާ ދެވުނީ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަމިއްލަ ނަފުސު ދިފާޢު ކުރުމަށް އަތް ހޫރާލި ވަގުތު ކަމަށެވެ. އޭރު އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށާއި، ގަސްތުގައި ވެއިޓަރު މަރާލީ ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލައިގައި އާބިދުގެ ފަރާތުން ދިފާއީ ހެކި ހުށަނޭޅި ނަމަވެސް ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އާބިދު ވެއިޓަރު މަރާލީ ގަސްތުގައި ނޫންކަމަށް ބުނި ނަމަވެސް އޭނާ ހިންގި އަމަލަކީ، މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އަދި އޭނާ ރުޅިވެރިކަމާއެކު ވަޅިއެއް ބޭނުން ކޮށްގެން ހަމަލާދިންކަން ހެކިންގެ ހެކިބަހުންވެސް އެނގެން އޮތުމުން އެކަމަށް އިތުރަށް ބާރު ލިބިދޭ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ރެސްޓޯރެންޓް ތެރޭގައި ހިނގި ދެ ބަސްވުމެއްގައި ޕާކިސްތާނު ކައްކާ ބަންގްލަދޭޝްގެ ވެއިޓަރުގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށްވެއެވެ. އަދި މި ދެ މީހުންގެ މެދުގައި މީގެކުރިންވެސް ބައެއް ދެބަސްވުންތައް ހިނގާފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ވަނީ، މީގެ ކުރިންވެސް ބުނެފައެވެ.
ގާޒީ ވަނީ، އާބިދުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. މި މައްސަލައިގައި އާބިދުގެ މައްޗަށް އަދަބު ކަނޑައަޅާނީ، މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ