ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެ މަސައްކަތް ކުރައްވާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެމްޓީސީސީން މަސައްކަތް ކުރައްވަނީ، މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ މިމަހުގެ 26ގައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ.
މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރުވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އަޅައި، މަގުގެ ނިޝާންތައް ކުރަހައި، މަސައްކަތުގެ ބޮޑު ބައި ނިންމާލާފައެވެ.
އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތްތަކާއި، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އަދި އެ ސަރަޙައްދުގައި ކުރަންޖެހޭ ބައެއް އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މަގު ތަރައްޤީ ކުރުމުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ، އެ ސަރަޙައްދުގައި ތަރައްޤީ ކުރާ ޕާކިން ޒޯނާއި، ދުވާރު ހެދުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އަދި ސެގްމެންޓު 2 އަދި 3ގެ ނަރުދަމާގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށާއި، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައްވެސް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިހާރު ލަފާކުރެވެނީ މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ހެންވޭރު ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށް ނިމި، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ނިމުމާއި ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ