ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ މަޝްރޫއުތައް ހުއްޓާލުމަށް ނަޝީދު ގޮވާލައްވައިފި

ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވެންދެން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި ދައުލަތުގެ އެހެން ހުރިހާ ހަރަދުތަކެއް ހުއްޓާލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު ތިރިނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އެއްވެސް އިތުރު ހަރަދެއް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި މިވަގުތު ހިނގަމުންދާ އުމްރާނީ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތަކާ ގުޅޭގޮތުން ނަޝީދު ހުށަހެޅުއްވީ، އެ މަސައްކަތްތައް ރަށު ކައުންސިލްތަކާ ހަވާލުކުރުމަށެވެ. އަދި ކައުންސިލްތަކުން 'ކްރޮސް ސަބްސިޑީ' ގެ އުސޫލުން އަގު ދައްކައިގެން އެ މަސައްކަތްތައް ނިންމާލެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ ޑޮލަރަކަށް 15.42 ރުފިޔާ ކަމަށް ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ހުރީ 21 ރުފިޔާއާ ގާތްކުރާ މިންވަރެއްގައެވެ. މިއީ ރަސްމީ ރޭޓަށްވުރެ ބޮޑުތަނުން އުފުލިފައިވާ އަދަދެކެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރަކީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ އަހަރެކެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު 5.4 ޕަސެންޓްއިގައި ހުރި އިގުތިސާދީ ކުރިއެރުން، 2026 ވަނަ އަހަރު 1.0 ޕަސެންޓްއަށް ދަށްވާނެއެވެ. އަދި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 5.0 ޕަސެންޓްއަށް އުފުލޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުގެ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ވާގޮތުން، ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަޖުބޫރުވުމާއި ޑޮލަރުގެ ދަތިކަމާ ހުރެ އިގުތިސާދީ ކުރިއެރުން 0.7 ޕަސެންޓްއަށް ވެއްޓުމުގެ ބިރު އެބައޮތެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފުލުމުގެ އަގު ބޮޑުވުމާއި، އުމްރާނީ މަޝްރޫއުތައް މަޑުޖެހުމުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކެއް ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ. ނަމަވެސް 2027 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު އަލުން އާރާސްތުވާން ފަށާނެ ކަމަށް އެ އިދާރާތަކުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ