ޕާކިސްތާނުގެ ޝެފު އާބިދުގެ މައްޗަށް މަރުގެ ދައުވާ ސާބިތުވެއްޖެ

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގެ ތެރޭގައި ހިނގި މާރާމާރީއެއްގައި އެތަނުގައި މަސައްކަތް ކުރަމުންދިޔަ ވެއިޓަރެއް މަރާލިކަމުގެ ކުށް، އެތަނުގެ ކުރީގެ ޗެފު މުހައްމަދު އާބިދުގެ މައްޗަށް ސާބިތުވެއްޖެ އެވެ. 
މިދިޔަ ބުދަ ދުވަހު އާބިދުގެ މައްޗަށް ސާބިތުވީ އެތަނުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ވެއިޓަރު އެމްޑީ ޝަމީމް މަރާލިކަމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އަދަބު ކަނޑައަޅާނީ ޝަމީމްގެ ވާރިސުންގެ ބަސް ހޯދައިގެންނެވެ. 
ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އޭޕްރީލް 16، 2023، ގަ އެވެ. ޝަމީމް މަރުވީ މޫނާއި މެޔަށް ލިބުނު ޒަހަމްތަކުންނެވެ. 
ހަށިގަނޑުގެ މެޑިކޯ ލީގަލް ރިޕޯޓުން ދައްކާ ގޮތުގައި ޝަމީމް މަރުވީ ވައަތު ލޮލުގެ ތިރިން ލިބިފައި އިން ޒަހަމުގެ ސަބަބުންނެވެ. އަދި މެޔަށް ލިބިފައިވާ ޒަހަމަކީ ވެސް އެއް ހަމަލާއަކުން ލިބުނު ޒަހަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. 
އެ ހަމަލާއަށްފަހު އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެ ވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.
އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ. އެ މައްސަލައިގައި ކޯޓުގައި އޭނާ ނެގީ ނަފުސުގެ ދިފާއު އެވެ. 
ނަމަވެސް ކޯޓުން ކަނޑައެޅީ އެ މައްސަލައިގައި ހެކިބަސް ދީފައިވާ މީހުންގެ ބަހުންނާއި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ބުރަވެވޭ ކަމަށެވެ. އަދި އާބިދު ނެގި އަމިއްލަ ނަފުސުގެ ދިފާއަކީ އޭނާ އަމިއްކައަށް އުފަން ކުރުވި ވާހަކައެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ