ޑިމޮމްރަސީ ތައާރަފް ވެގެން އަންނަ އިރު ގައުމުތަކުގައި ކުށްކުރުން އިތުރުވޭ: މިނިސްޓަރު އުމަރު

ޑިމޮކްރަސީ ތައާރަފް ވެގެން އަންނަ އިރު ދުނިޔޭގެ އެކި ގައުމުތަކުގައި ކުށް ކުރުން އިތުރުވެގެންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ގޮތުން މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުމަރު ވިދާޅުވީ ޑިމޮކްރަސީ ތައާރަފް ވެގެން އަންނަ އިރު ކުށް ކުރުން އިތުރަވަނީ ހަމަ އެކަނި ރާއްޖޭގައި ނޫން ކަމަށެވެ. އެގޮތަށް މިސާލު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އަވަށްޓެރި އިންޑިއާއަށް މިނިވަންކަން ލިބި އެ ގައުމުގައި ފުރިހަމަ ޑިމޮކްރަސީއެއް އައި ދުވަސްވަރު "އާދަޔާ ހިލާފަށް" ކުށް ކުރުން އިތުރުވެގެން ދިޔަ ކަމަށެވެ. އެހެންކަމުން އެކި ދުވަސްވަރު އެކި ވައްތަރުގެ ގާނޫނޫނު ހަދައިގެން އެގައުމުގައި ކުށްކުރުން މަދު ކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރި ކަމަށް އުމަރު ވިދާޅުވި އެވެ. "ހަމަ މިގޮތަށް ސައުތު އެފްރިކާގައި ވެސް އެހެން. އެ ގައުމުގައި ވެސް ނަސްލީ ތަޅާފޮޅުން ގަނޑު ތެރެއަށް ނުކުމެ ފުރިހަމަ މިނިވަން ކަމެއްގެ ތެރެއަށް ނުކުމެ ފުރިހަމަ ޑިމޮކްރަސީއެއް ގާއިމްވުމަށް ފަހު ހަމަ އެ މައްސަލަ ސައުތު އެފްރިކާގައި ވެސް ހިނގި. އަދި މިހާރު ވެސް ހިނގަމުން އެބަދޭ. އަދި ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ސިޓީ އަދިވެސް އޮންނަނީ ސައުތު އެފްރިކާގައި. އެހެންވީމަ އަޅުގަނޑުމެންގެ ގައުމަށް ދިމާވެގެން މިއުޅޭ ކުށް ކުރުމުގެ ބޮޑު ރާޅަކީ އެހެން ގައުމުތަކަށް ވެސް އައިސްފައިވާ ރާޅެއް،" އުމަރު ވިދާޅުވި އެވެ. މިކަން ދިމާވާންޖެހޭ ސަބަބުތަކަކީ ފަރުދީ ހައްގުތައް ރައްކާތެރިވެފައި އޮތުން ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. ކޮންމެ ފަރުދަކަށް ވެސް ވަރަށް ގިނަ ހައްގުތަކެއް ލިބިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެ ހައްގުތަކުގެ ބޭނުން، ދިވެހިރާއްޖޭގައި ވެސް ދިރިއުޅޭ އަދި ގާނޫނަށް ބޯލަނބާ ހުރިހާ އެންމެނަށް ވެސް ލިބިގެންދޭ. އެކަމަކު ހުރިހާ އެންމެންނަކީ ގާނޫނަށް ބޯލަނބާ ބަޔަކަށް ނުވާތީ މިދެންނެވި ފަރުދީ ހައްގުތަކުގެ ނާޖާއިޒު ފާއިދާ ނަގާ. ނަގައިގެން އެ ފައިދާތައް ބޭނުންކޮށްގެން ކުށް ކުރުމުގެ މާހައުލެއް ގާއިމްކުރޭ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޑިމޮކްރަޓިކް ނިޒާމް "ފުނޑާނުލާ" ކުށް ކުރާ މާހައުލަށް އެކަށީގެންވާ މާހައުލެއް ގެނެވޭތޯ ކަމަށެވެ. އޭނާ ވިދާޅުވީ ޑިމޮކްރަޓިކް ނިޒާމް އެއްކޮށް އެއްކައިރި ކުރުމަށްފަހު ކުށް ކުރުމުގެ ނިޒާމު އެއްކޮށް ހުއްޓާލަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. "ޑިމޮކްރަޓީކް ނިޒާމާ ފަރުދީ މިނިވަންކަމާ އަސާސީ ހައްގުތަކާ އެކަންކަން ރައްކާތެރި ކުރުމާއެކު އަޅުގަނޑުމެން ބޭނުން ވަނީ ކުށް ކުރުމުގެ މާހައުލަށް ބަދަލު ގެންނަން. އެއީ މި އުނދަގު ވެގެން އުޅޭ ކަމަކީ. އެކަން އެހެން ގައުމުތަކުގައި ކާމިޔާބު ކުރާ މަގުން. އެކަމަށް ބޭނުންވާ ހާއްސަ ގާނޫނުތައް. އެކަމަށް ބޭނުންވާ ފުލުހުންގެ ފައުޖުތައް. އެކަމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އަޅުގަނޑުމެން މި ދަނީ ގާއިމް ކުރަމުން،" އުމަރު ވިދާޅުވި އެވެ. މިއަދުގެ ސަރުކާރަށް ދަތުރު ކުރަންވީ މަގާ ދަތުރު ކުރާނެ މަގުތައް އެނގިލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަމަން އަމާންކަން ގާއިމް ކުރެވޭނީ ކިހިނެއް ދަތުރު ކުރިއްޔާކަން އެނގިވަޑައިގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީހެއްގެ ފުރާނަ މަގުމައްޗަށް ދުށްވާލެވޭ ކޮންމެ ދުވަހަކީ "އަޅުގަނޑުމެން ވެސް ނުހަނު ހިތާމަ ކުރާ" ވަގުތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ