ބަންގްލަދޭޝްގެ އޮތީ ރާއްޖެ ބަލިކޮށްގެން ފައިނަލަށް ދިއުމުގެ ވިސްނުމެއް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އަމާޒަކަށްވާނީ ރާއްޖޭގެ މައްޗަށް ކުރިހޯދައިގެން ފައިނަލަށް ދިއުމަށް ފަހު ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރުން ކަމަށް ބަންގްލަދޭޝްގެ ކޯޗު، މައުރޫފުލް ހައްގު ބުނެފި އެވެ. 
ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. މިއަދުގެ މެޗުތަކަށް ކުރިމަތިލާއިރު، ރާއްޖެ ފިޔަވައި ދެން އޮތް ތިން ޓީމު ކަމަށްވާ، އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝް އަށް ފަައިނަލުގެ ފުރުސަތު އެބައޮތެވެ. މިއަދު ހަވީރު، އަފްގާނިސްތާން އާއި ޕާކިސްތާން ކުޅޭއިރު، މިރޭ ކުޅޭނީ ބަންގްލަދޭޝް އާއި ރާއްޖެ އެވެ. 
މި ވަގުތުގެ ޕޮއިންޓު ތާވަލަށް ބަލާއިރު، ޕާކިސްތާން އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއި ފައިދާ ތިން ގޯލާ އެކު އެވެ. ދެ ވަނައިގައި އޮތް އަފްގާނިސްތާނަށް ދެ މެޗުން ހަތަރު ޕޮއިންޓާއި ފައިދާ އެއް ގޯލު އޮތްއިރު، ތިން ވަނައިގައި އޮތް ބަންގްލަދޭޝްގެ އޮތީ ދެ މެޗުން ދެ ޕޮއިންޓެވެ. ބަންގްލަދޭޝް އިން ކުޅުނު ދެ މެޗުން ވެސް ލަނޑެއް ނުޖެހި އެއްވަރުވީ އެވެ. ބަންގްލަދޭޝަށް ފައިނަލަށް ދެވެން އޮތީ މިރޭ ރާއްޖެ ބަލިކޮށްގެންނެވެ. 
ފުލުގައި އޮތް ރާއްޖެ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. 
ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު މުބާރާތް ފެށުމުގެ ކުރިން ބުނީ، 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން އައި ކަމުގައި ވިޔަސް އެ ޓީމުގެ އަމާޒަކީ މި މުބާރާތުން ތަޖުރިބާ ހޯދުންނޫން ކަމަށެެވެ. ބަންގްލަދޭޝް މީޑިއާގައި ފެތުރިފައިވާ އެ ވާހަކަ ދޮގުކޮށް އޭނާ ފުރަަތަމަ ދުވަހު ވެސް އަމާޒު ކަނޑައެޅީ ފަައިނަލަށް ދިއުމަށެެވެ. 
އަފްގާނިސްތާނާ އެއްވަރުވި މެޗަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މައުރޫފުލް ހައްގު ވަނީ ކުރިން ވެސް ކަނޑައެޅި ޓާގެޓަށް ވާސިލްވުމުގެ އަމާޒުގައި ރާއްޖެއާ ކުރިމަތިލާނެ ކަމަށް ބުނެފަ އެވެ. 
"އަހަރެމެން އައިއިރު ވެސް ވިސްނުން ހުރި ގޮތް ހިއްސާކުރިން. އަހަރެމެން ބުނިން ޓާގެޓަކީ ފައިނަލަށް ދިއުމޭ، އެ އަށް ފަހު ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރުމޭ. އަހަރެމެން އަދިވެސް މި އޮތީ ރަނގަޅު ޓްރެކުގައި. އެބަހުރި ގޯސްތަކެއް ހެދިފައި. އެކަމަކު، ދެން އޮތް މެޗުގައި އެކަން ރަނގަޅުކުރެވޭނެ. ދެން އޮތް މެޗު އޮތީ ވަރަށް ރަނގަޅު ލޯކަލް ޓީމަކާ (ރާއްޖެއާ)،" މައުރޫފުލް ހަައްގު ބުންޏެވެ. 
ބަންގްލަދޭޝް އަށް ފައިނަލުގެ ޖާގައެއް ލިބެން އޮތީ ރާއްޖޭގެ މައްޗަށް ކުރިހޯދައިގެންނެވެ. 
މައުރޫފުލް ހައްގު ބުނީ، ފުރަތަަމަ ދެ މެޗަށް ބަލާއިރު، އޭނާ އަށް ބޮޑަށް އުނދަގޫވީ ޕާކިސްތާން މެޗުގައި ކުޅެން ކަމަށެވެ. އެއީ، އެ މެޗު ކުޅުނީ ހަވީރު ގަނޑީގައި ކަމަށްވެފައި އެ ކަމުގެ ސަބަބުން ބޭނުންވާ ލެވަލަށް ކުޅެން އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން ކަމަށެވެ. 
މީގެ ކުރިން މައުރޫފުލް ހައްގު ވަނީ ބަންގްލަދޭޝްގެ ސީނިއާ ޓީމު ގޮވައިގެން ރާއްޖެއާ ވާދަކޮށްފަ އެވެ. އެ ގޮތުން، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މައުރޫފުލް ހައްގު ކޯޗުކޮށްދިން ބަންގްލަދޭޝްގެ ސީނިއާ ޓީމު އަތުން ރާއްޖެ ވަނީ 3-1 އިން މޮޅުވެފަ އެވެ. 
ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ