ޗިލީ އަތުން ޕޯޗުގަލް މޮޅުވެއްޖެ

މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ޗިލީ އާއި ދެކޮޅަށް ޕޯޗުގަލް އިން ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކޮށްފި އެވެ.
ޕޯޗުގަލް ގައި ކުޅުނު މި މެޗުން ޕޯޗުގަލް މޮޅުވިއިރު އެ ޓީމުން ވަނީ މި މެޗު ޑޮމިނޭޓްކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޕޯޗުގަލްގެ ރަފައެލް ލެއާއޯ އާއި ޗިލީގެ އިވާން ރޯމަން އާއި ދެމެދު ހިނގާދިޔަ ހަމަނުޖެހުމަކާއި ގުޅިގެން ރެފްރީ ވަނީ މި ދެ ކުޅުންތެރިންނަށްވެސް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ޕޯޗުގަލްގެ ގޮންޒާލޯ ގުއެޑޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 75 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ޗިލީ އިން މި މެޗުގައި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ދެވަނަ މިނިޓުގައި ލޫކަސް ކަޕޭޑާ އެވެ.
ފީފާ ވޯލްޑްކަޕްގައި ޕޯޗުގަލް އާއިއެކު ގްރޫޕް ކޭ ގައި ދެން ހިމެނެނީ ކޮލަމްބިއާ އާއި ކޮންގޯގެ އިތުރުން އުޒްބެކިސްތާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ