މައުމޫނަކީ ޕީޕީއެމްކަމަށާ، ޕީޕީއެމްއަކީ ރައީސް މައުމޫންކަމަށް ވިދާޅުވެ، މައުމޫންގެ ޚިދުމަތް މިގައުމުން ފޮހެނުލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު ހުސައިން މިހެން ވިދާޅުވީ ޕީޕީއެމްގައި ތިއްބެވި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކާއި ބައްދަލްކުރައްވާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ސައުދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މައުމޫނަކީ ޕީީޕީއެމް، ޕީޕީއެމްއަކީ މައުމޫންކަމަށެވެ. އަދި މައުމޫންގެ ޚިދުމަތް މިގައުމުން ފޮހެނުލެވޭނެކަމަށްކަމަށް ސައުދުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
މި ޓްވީޓްއާއިއެކު ސައުދު އާންމުކުރައްވާފައިވާ ފޮޓޯގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު ފެނެއެވެ.
ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ސައުދު ފޯނަށް ޖަވާބު ނުދެއްވުމުން ވަނީ ލިބޭގޮތް ނުވެއެވެ.
މި ބައްދަލްވުމާއި ގުޅޭގޮތުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ގާސިމް އިބްރާހިމްގެ އިތުރަށް އައްޝައިޚް އިމްރާން އަބުދުﷲ ފައްޓަވާފައިވާ ގައުމީ މަަސައްކަތުގައި މެންބަރު ސައުދު ހުސައިން ބައިވެރިވެވަަޑައިގެންފައިވާކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަންގައި ހިމެނޭ މެންބަރު ސައުދު ކުރިންވެސް ވަނީ ރައީސް މައުމޫންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުރީގެ ރައީސުންނާއި ގުޅޭގޮތުންވެސް ސައުދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ސައުދު ވިދާޅުވީ ކުރީގެ ރައީސުންނާއިމެދު އަމަލްކުރެވިގެން ދަނީ އެންމެ ރަނގަޅަށް ނޫންކަަމަށެވެ. ކުރީގެ ރައީސުންނަކީ އެބޭފުޅުންގެ ވެރިކަމުގެ ދައުރު ނިމާލުމަށްފަހު ރާއްޖޭގައި ޚިދުމަތްކުރުމުގެ ފުރުސަތު ނުލިބި ބޭރުގައި ދިރިއުޅުވުމަށްފަހު އެ ބޭފުޅުންގެ އަވަހާރަވުމުން ގަބުރު ގެނެސް މިގައުމުގައި ފަސްދާނުލާންޖެހޭ ބަޔަކަށްވެގެން ނުވާނެކަމަށް ސައުދު ވިދާޅުވިއެވެ.
އަދި ކުރީގެ ރައީސް މައުމޫން އަބުުދުލްގައްޔޫމާއިމެދު ނުބައިކޮށް އަމަލުކޮށް އެމަނިކްފާނު މަގުމަތިކުރެވިގެން ނުވާނެކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.
ސައުދު ވިދާޅުވީ ކޮންމެ ރައީސަކަށްވެސް ވެރިކަމުގެ ދައުރު ފުރިހަަމަކުރުމަށްފަހު ރާއްޖޭގައި ޚިދުމަތްކުރުމުގެ ފުރުސަތު ލިބެންޖެހޭކަމަށާ ގާނޫނީ އިމުން ބޭރު ނުވާނަމަ ކުރީގެ ރައީސުންނާއިމެދު ތަފާތު ގޮތަކަށް އަމަލުކުރެވިގެން ނުވާނެކަަމަށެވެ.
މައުމޫނަކީ ޕީީޕީއެމް، ޕީޕީއެމްއަކީ މައުމޫން: ސައުދު ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ