ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 12) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނެގި އާޖެންޓީނާގެ ސްކޮޑަށް އަނިޔާގެ ސަބަބުން ބަދަލެއް ގެންނަން ޖެހުމާ އެކު، ޑިފެންޑަރު، މާކޯ ސެނޭސީ ޓީމަށް ނަގައިފި އެވެ.
ލިއޮނަލް ސްކަލޯނީ ނެގި 26 ކުޅުންތެރިންގެ އާޖެންޓީނާގެ ސްކޮޑުގައި ހިމެނި ފްރާންސްގެ މާސޭ އަށް ކުޅެމުން އަންނަ ލެއޮނާޑޯ ބަލޭޑީގެ ފަޔަށް ލިބިފައިވާ އަނިޔާއިން ރިކަވާވާން އެކަށީގެންވާ މުއްދަތެއް ދިނުމުން ވެސް އެެއްކޮށް ފިޓްވެފައިނުވާތީ އޭނާ ޓީމުން ބާކީކުރަން ނިންމީ އެވެ. ބަލޭޑީ މަސައްކަތްކުރީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގައި އާޖެންޓީނާއާއެކު ވާދަކުރުމަށް ނަމަވެސް، އެކަން ހާސިލެއްނުވީ، މިދިޔަ ސީޒަނުގައި ވެސް ދިމާވަމުން އައި ކުޑަކަޅުވާގެ އަނިޔާގެ ކަންކަން އަނެއްކާ ވެސް ކުރިމަތިވުމުންނެވެ.
ބަލޭޑީގެ ބަދަލުގައި އާޖެންޓީނާ ޓީމަށް ނެގި ސެނޭސީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ބޯންމައުތަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ބޯންމައުތާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، ސެނޭނީ ދާދި ފަހުން ވަނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ސޮއިކޮށްފަ އެވެ.
އުމުރުން 29 އަހަރުގެ ސެނޭސީ މިހާތަނަށް އާޖެންޓީނާ ގައުމީ ޓީމަށް ކުޅެދީފައިވަނީ އެންމެ ތިން މެޗެވެ. މިއީ، އޭނާ ފީފާ ވޯލްޑް ކަޕެއްގެ ސްކޮޑުގައި ހިމެނޭ ފުރަތަމަ ފަހަރެވެ. އެއީ، 2022 ވަނަ އަހަރު އެސްޓޯނިއާއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗެއްގަޔާއި މިދިޔަ އަހަރާއި މި އަހަރު ކުޅުނު އެކުވެރިކަމުގެ ދެ މެޗުގަ އެވެ. މިދިޔަ އަހަރު ކުޅެފައިވަނީ، ވެނެޒުއޭލާއާ ދެކޮޅަށެވެ. އަދި، މި އަހަރު މާޗް މަހު މޮރިޓޭނިއާއާ ދެކޮޅަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި، އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން ވާދަކުރަނީ ގްރޫޕް ޖޭގަ އެވެ. ގްރޫޕްގައި އާޖެންޓީނާ އިން ކުޅޭ ފުރަތަމަ މެޗުގައި މި މަހު 17 ވަނަ ދުވަހު ކުޅޭނީ އަލްޖީރިއާއާ އެވެ. ދެ ވަނަ މެޗުގައި، މި މަހު 22 ވަނަ ދުވަހު އޮސްޓްރިއާއާ ކުޅުމަށް ފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ޖޯޑަންއާ ބައްދަލުކުރާނީ މި މަހު 28 ވަނަ ދުވަހު އެވެ.
އަނިޔާގެ މައްސަލައެއް ފޫބައްދަން ސެނޭސީ އާޖެންޓީނާ ސްކޮޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ