އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ، ހަފްތާ ބަންދުގައި ސޮއިކުރާނަން: ޓްރަމްޕް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި "ފުރިހަމަ އެއްބަސްވުމަކަށް" އާދެވިއްޖެ ކަމަށާއި، ކުރިއަށް އޮތް ހަފްތާ ބަންދުގައި ޔޫރަޕްގައި އެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އިއުލާންކޮށްފިއެވެ.
މީގެއިތުރުން، މި އެއްބަސްވުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އަމިއްލަފުޅަށް ރުހުން ދީފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި، އީރާނުން މިކަމަށް އެއްބަސްވީ އެގައުމަށް "ބޮޑެތި ގެއްލުންތަކެއް" ލިބުމުން ކަމަށް ޓްރަމްޕް ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެ ކަމަށާއި، ބޭރުން ވެސް އެފަދަ ހަތިޔާރެއް ނުގަންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި އީރާނުން ބަންދުކޮށްފައިވާ ކަމަށް ބުނާ، ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ވެސް މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ހުޅުވާލާނެ ކަމަށް ޓްރަމްޕް ބުންޏެވެ.
މި އެއްބަސްވުމަކީ ވަރަށް ވަރުގަދަ 'މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން' އެއް ނަމަވެސް، މިއީ ކުޑަކޮށް 'ކޮންސެޕްޗުއަލް' ނުވަތަ ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށް ޓްރަމްޕް ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، އެމެރިކާގެ އިންފްލޭޝަން ރޭޓް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ނުދާ ވަރަށް ވަނީ މަތިވެފައެވެ. މި ހަނގުރާމައިގެ ތެރެއިން އޭޕްރީލް މަހު ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލި ނަމަވެސް، ފަހަކަށް އައިސް ދެފަރާތުން ދިޔައީ އަނެއްކާވެސް ބާރުގަދަ ހަމަލާތައް ބަދަލުކުރަމުންނެވެ.
މި އިއުލާން ކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހުގެ ރޭ އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއްދީ، އެގައުމުގެ ތެލުގެ މައިނާރު ކަމަށްވާ ޚާރްގް ޖަޒީރާ އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް ތެލުގެ މާކެޓް މުޅިން ކޮންޓްރޯލް ކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދީފައެވެ. ނަމަވެސް އޭގެ ފަހުން، އީރާނުގެ އެންމެ މަތީ ވެރިންނާއެކު ކުރެވުނު މަޝްވަރާތައް ކާމިޔާބުވުމުން އެރޭ ދޭން އޮތް ބޮން އެޅުމުގެ ހަމަލާތައް ކެންސަލް ކުރިކަން ހާމަކޮށް، އޭގެ ދެ ގަޑިއިރު ނުވަނީސް އެއްބަސްވުމަކަށް އާދެވިއްޖެކަން ޓްރަމްޕް ރަސްމީކޮށް އިއުލާން ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ