މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.5 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ މޭ މަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 7.5 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %73 އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުގެ 21ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 ކަމުގައި ކަނޑައަޅާފައެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެގޮތުގައި ދައުލަތަށްވަނީ 58 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ 50 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %14 އިތުރު އަދަދެކެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި، ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ޒަކާތު ހައުސްއިން ވަނީ މިއަހަރުގެ ހައްޖުމަހުގެ 1އާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ޖުމުލަ 2،384 މީހުންނަށް، 5500 ރުފިޔާ ވަނީ ބަހާފައެވެ. އެއީ ޖުމުލަ 13,112,000 ( ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާއެވެ.
މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދެވެ.
މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު %73 އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ