އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކަށް ހޮނު އެޅުމުގެ ސަބަބުން، ރޭ ދަންވަރު އިމަޖެންސީގައި އެ ބޯޓު އަނބުރާ ކަޓުނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
ސްރީލަންކަން އެއާލައިންސުން ބުނީ، ޔޫއެލް 606 ފްލައިޓް އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ފަހުން، ބޯޓުގެ އެއް އިންޖީނަށް ހޮނު އެޅި ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޯޓުގެ މިސްރާބު ބަދަލުކޮށް އަނބުރާ ކަޓުނަޔަކަ އެއާޕޯޓަށް ޖެއްސީ ކަމަށާއި މި ހާދިސާގައި ނުރައްކާތެރި އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް ބުންޏެވެ.
ބޯޓުން ދަތުރުކުރި ފަސިންޖަރުން މި ހާދިސާއާ ގުޅިގެން ފަހުން އެހެން ބޯޓަކަށް ބަދަލުކޮށް، އޮސްޓްރޭލިއާއަށް ވަނީ ފޮނުވާލައިފަ އެވެ. ނަމަވެސް، މި ކަމުގެ ސަބަބުން ދަތުރު ފެށުނީ ފަސް ގަޑިއިރަށްވުރެ ވެސް ލަހުންނެވެ.
ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނު ކަށަވަރުކޮށްދެއްވި ގޮތުގައި، މި ހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ނުވެއެވެ. އަދި ބޯޓަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީލަންކަންގެ ބޯޓަކަށް ހޮނުއެޅުމުން އިމަޖެންސީގައި ޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ