މާ ދުރުނޫން ތާރީހަށް ބަލާއިރު ވެސް، ދިވެހީންނަށް ތައުލީމު
އުނގަންނައިދިނުމާމެދު ވެރީންނާއި ތަންދޮރު ދަންނަ މީހުންގެ މެދުގައި އޮތީ މާކަ
ހެޔޮ ޝުއޫރުތަކެއް ނޫނެވެ. އަލްއުސްތާޒް އަހުމަދު ކާމިލް ދީދީ ލިޔުއްވާފައި އޮތް
ގޮތުން، އޭނާ ތައުލީމު ހާސިލުކުރައްވައިގެން މާލެ ވަޑައިގެން، މާލޭގައި މީހުންނަށް
ކިޔަވައިދޭން ފެއްޓެވުމުން ލިބިވަޑައިގެންނެވި އިރުޝާދަކީ، ނުވަތަ ލަފަޔަކީ
'ދެނަހުރީމުހޭ! ކިޔެވުމާއި މުއްސަނދިވުމަކީ ދިވެއްސަކަށް ފަހިކޮށްދޭން ހެޔޮވެސް
ނުވާނޭ ދެކަންތަކޭ. ކަލެޔަށް ކިޔަވައިދިނީ ތިޔަ ކަހަލަ ގޯސް ހަދާކަށް ނޫނޭ' އެވެ.
އެއީ 1916 ވަނަ އަހަރެވެ.
ޒަމާން ބަދަލުވެ، ރަސްމީ ތައުލީމުގެ ފުރުސަތު މިހާރު
މިއޮތީ އެންމެންނަށް ހުޅުވިފަ އެވެ. މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް
ގިނަވެއްޖެ އެވެ. ދޫކުރާ ސަނަދުތަކުގެ ފެންވަރު ވެސް މަތިވެއްޖެ އެވެ. އެފަދަ
ސަނަދުތައް ގެންގުޅޭ މީހުންގެ އަދަދު ވެސް ގިނަ ވެއްޖެ އެވެ. އެހެންނަމަވެސް ތައުލީމު
ހާސިލުކުރުމުގެ ފުރުސަތު އާންމުވެގެން ދިޔައިމާ މުޖުތަމައުއަށް ހެޔޮ ބަދަލެއް އެބަ
އަންނަކަން އިހުސާސުވޭތޯ އެވެ. ފޮތުން ލިބޭ ތައުލީމުގެ އިތުރަށް ދުނިޔެވީ
އިލްމުތަކަށް އެބަ ލޯ ހުޅުވޭ ހެއްޔެވެ؟
އަލްއުސްތާޒް އަހުމަދު ކާމިލް ދީދީއަށް ނަސޭހަތް
ދެއްވި ބޭފުޅުންގެ އަސްލު މުރާދަކީ މީހުންނަށް ރަސްމީ ތައުލީމު ނުދީ ހިފެހެއްޓުމެއް
ނޫނެވެ. ސިޔާސީ ހޭލުންތެރިކަން އާންމުވެ، ކަންކަމާ ވިސްނުމުން މީހުން އެކަހެރިކޮށްފައި
ބޭތިއްބުމަށް ބާރުއެޅުމެވެ. އޭރުވެސް ބޭނުމަކީ ސިޔާސީ ބާރުވެރިކަން ވަކި ބައެއްގެ
އަތްދަށުގައި ބޭއްވުމެވެ.
ޒަމާނަށް އައި ބަދަލާއެކު މި ވިސްނުން މިހާރު
ބަދަލުވެއްޖެބާ އެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުގައި އަދިވެސް ވަރަށް ގިނަ ސިޔާސީ
ލީޑަރުންގެ ކިބައިން ފެންނަނީ ހަމަ މި އަސަރެވެ. މިހާރުގެ ތަފާތަކީ ވެރިންގެ
ވިސްނުމާ ފުށުއަރާ ވިސްނުމެއް ފާޅުކޮށްގެން (ހަމަ އެކުށުގެ ނަމުގައި) ކުށްވެރިވެ
އަދަބުލިބި ޖަލު ގޮޅިއަށް ވަންނަން ނުޖެހޭ ކަމެވެ. މިހާރު އުޅެނީ އެ ބަލީގެ އެހެން
ވޭރިއަންޓެކެވެ. އޭގައި ވާ ގޮތަކީ އެފަދަ ހިޔާލެއް ގެންގުޅޭ މީހަކު
އެކަހެރިވުމެވެ. ސިޔާސީ މަސައްކަތުން އޭނާއަށް ޖާގަ ނުލިބި، އަދި ވެރިޔާގެ
ވަފާތެރިން މެދުވެރިކޮށް އޭނާ ގިއްގަޅުވައިލުމެވެ. ފަހަތަށް ޖެއްސުމެވެ. ދައުލަތުގެ
ވެރިޔަކަށް ހުންނަ މީހާ އޭނާ ޖަލަށް ލާނަމަ ލާނީ ވެސް އެހެން ކުށެއްގެ
ތުހުމަތުގައި ކުށްވެރި ކޮށްގެންނެވެ.
ބޭނުމަކީ، ތަފާތު ސިޔާސީ ވިސްނުން ގެންގުޅޭ މީހާގެ
ސިޔާސީ ވިސްނުން ފެތުރުނަ ނުދިނުމެވެ. އޭނާ ކުރީ ސަފުގައި ހުރެ، އޭނާގެ ސިޔާސީ
ވިސްނުން އަޑުހަރުކޮށް ހާމަކުރަމުން ގެންދާނަމަ އޭނާއާ ކޮންމެވެސް ބަޔަކު
އެއްބަސްވެދާނެކަމީ ސިޔާސީ ލީޑަރުންގެ ހިތަށް ވަންނަ އެންމެ ބޮޑު ބިރެވެ. ސިޔާސީ
ކަންކަމާ މެދަށް ތަފާތު ގޮތްގޮތަށް މީހުންގެ ވިސްނުން ހިންގާނެ ކޮންމެ ފުރުސަތެއް ބަންދުކުރުމަކީ
މިފަދަ ލީޑަރުންގެ ބޭނުމެވެ. އޭނާއަށް ތާއީދުކުރާ މީހުން ވިސްނަންވާނީ އޭނާ އަޅާ
ރޮނގުގެ މަތީގަ އެވެ.
ވެރިކަން ހިންގާ ޕާޓީގެ ތެރޭގައި، މަގާމުތަކުގައި
ތިބެ، ބާކީވެފައި އެތިއްބެވި ބޭފުޅުންނަށް މި ހަގީގަތް ވަރަށް ރަނގަޅަށް ވިސްނޭނެ
އެވެ. އެ ބޭފުޅުންނަކީ އެ މަގާމުތަކުގައި ތިބި މަންމަނު ބަޔަކަށް ވުމުގެ ކުރިން،
އަމިއްލަ ހިޔާލުތައް ގެންގުޅުނު ބައެކެވެ. އެ ހިޔާލުތައް ފާޅުކުރަން ފެށި ހިސާބުން
އެތިބީ ބަނދެވިފަ އެވެ. ކެބިނެޓާއި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވެސް ތިބީކީ
މިފަދަ މަދު ބައެއް ނޫނެވެ.
ސިޔާސީ މަސައްކަތުގައި 'އަދަރިންގ' އަކީ ކޮބާ؟
'އަދަރިންގ' އަކީ ވަކި ފަރުދުން ނުވަތަ ބަޔަކީ އެ ބައެއްގެ ތެރެއަށް
ނިސްބަތްނުވާ، ބޭރުގެ ބައެއްގެ ގޮތުގައި ނުވަތަ ދުޝްމަނުންގެ ގޮތުގައި
ސިފަކުރުމެވެ. ސިޔާސީ ދާއިރާގައި މި އުކުޅު ބޭނުންކުރަނީ "އަހަރެމެންނާއި"،
"އެމީހުން" ވަކިކޮށް، މިއީ ވަކި ދެބައެއް ކަމަށް ދެއްކުމުގެ ފަރަގު
އުފެއްދުމަށެވެ. ވަކި ލީޑަރަކަށް އެއްވެސް ޝަރުތެއް ނެތި ތާއީދުކުރާ މީހުންނަކީ އެ
ހަރަކާތުގެ އަސްލު މަންދޫބުން ކަމުގައި ދައްކާއިރު، ލީޑަރަށް ތާއީދު ނުކުރާ ނުވަތަ
ފާޑުކިޔާ މީހުންނަކީ ހާއިނުން ނުވަތަ ގައްދާރުންގެ ގޮތުގައި ސިފަކުރުމަކީ
'އަދަރިންގ' ގެ އެންމެ އަސާސީ ތައުރީފެވެ.
މިފަދަ ކަންކަން އާންމު ގޮތެއްގައި
ފެންނަނީ ތަފާތު ދެ ސިޔާސީ ފިކުރެއްގެ ނުވަތަ ދެ ސިޔާސީ ޕާޓީއެއްގެ ތެރޭގައި
ކަމަށް ވީނަމަވެސް، މިކަމުގެ ނުރައްކާ އެންމެ ބޮޑުވަނީ އެއް ޕާޓީއެއްގެ ތެރޭގައި ތިބި މީހުންނާ ދެކޮޅަށް މި އުކުޅު ބޭނުންކުރަން ފެށުމުންނެވެ.
ވަރުގަދަ ސިޔާސީ ޕާޓީއެއް ބިނާކުރާނަމަ
އެ ޕާޓީއެއްގެ ތެރޭގައި ވަކި މީހަކަށް ޝަރުތެއް ނެތި ތާއީދު ނުކުރާ،
މިނިވަންކަމާއެކު ވިސްނާ ފިކުރުކުރާ މީހުން ވެސް ބޭނުންވެ އެވެ. އެފަދަ މީހުންނަކީ
ޕާޓީގެ ލީޑަރުން ކުރާ ކަންކަމާމެދު ސުވާލު އުފައްދައި، ފާޑުކިޔައި، ރަނގަޅުކަމަށް
ފެންނަ ކަންކަމުގައި ޝާމިލުވެ ހިތްވަރު ވެސް ދޭނެ މީހުންނެވެ. ޑިމޮކްރެޓިކް
ހަމަތަކަށް ލޯބިކުރާ ލީޑަރުންނަށް މިފަދަ ފާޑުކިޔުންތަކަކީ ބޭނުންތެރި ކަމެކެވެ. ނަމަވެސް، ހަމައެކަނި ކިޔަމަންތެރިކަން ބޭނުންވާ ލީޑަރުންނަށް މިއީ ބަލަގަނެވޭނޭ
ކަމަކަށް ނުވެ އެވެ.
ފާޑުކިޔުންތަކަށް ހެކި ނުވަތަ ދަލީލުން
ޖަވާބުދާރީވުމުގެ ބަދަލުގައި، މިފަދަ ލީޑަރުން ބާރުއަޅުއްވަނީ އެބޭފުޅުންނަށް
އެންމެ ވަފާތެރި ސަޕޯޓަރުން މެދުވެރިކޮށް އެ ފާޑުކިޔާ މީހަކަށް ހަމަލާދިނުމަށެވެ.
އެ ހިސާބުން ބަހުސްގެ މައުލޫ އަމާޒުވަނީ ދެއްކި ވާހަކައިގެ މައްޗަކަށް ނޫނެވެ.
އޭގެ ބަދަލުގައި އެ ވާހަކަ ދެއްކި މީހާގެ ޒާތަށެވެ. އެހިސާބުން، ފާޑުކިޔާ މީހުންނަކީ ގައްދާރުންގެ
ގޮތުގައި ނުވަތަ ހަސަދަވެރިންގެ ގޮތުގައި، ނުވަތަ 'އެމީހުން' ގެ ގޮތުގައި ލޭބަލް
ކުރެވެ އެވެ. މީގެ ބޭނުމަކީ ފަހަރެއްގައި ވެސް އެ ހިނގަމުންދާ ބަހުސުން މޮޅުވުމެއް
ނޫނެވެ. ބޭނުމަކީ ފާޑުކިޔުމަކީ ސިޔާސީގޮތުން ބޮޑު އަދަބެއް ލިބޭނެ ކަމެއްގެ ގޮތުގައި އާންމުކޮށް
ދެއްކުމެވެ.
ކަންމިހެން ހުރުމުން، ގިނަ ބަޔަކު އިހުތިޔާރު
ކުރަނީ ހަނު ތިބުމެވެ. ހިތާހިތުން ލީޑަޝިޕާ މެދު ނުރުހުނު ކަމުގައި ވިޔަސް،
އަމިއްލަ ނަފުސަށް އަތުވެދާނެ ހަމަލާތަކަކަށްޓަކައި އެއްޗެއް ބުނަން ބޭނުންނުވަނީ އެވެ. ނަތީޖާއެއްގެ ގޮތުން، ލީޑަރުން ޒިންމާދާރުކުރުވުން ކުޑަވެ، މުޅި ހަރަކާތުގެ
މައްޗަށް ލީޑަރުގެ ބާރު ގަދަވެގެންދެ އެވެ. ހިނގަމުން މިދާ ސަރުކާރުގެ އެތެރެއަށް ބެލީމާ، ޓެކްސްޓް
ފޮތްތަކުގައި ކިޔައިދީފައި ހުރި މި ފިލާވަޅު އަމަލީ ގޮތުން ހިނގާނެ ގޮތުގެ
މަންޒަރު ވަރަށް ސާފުކޮށް ފެނެ އެވެ.
މި އުކުޅު ކާމިޔާބުވަނީ ކީއްވެ؟
ކިތަންމެ ވިޔާނުދާ ކަމަކަށް ވިޔަސް،
ސިޔާސީ ކަންކަމުގައި މިއީ ގިނަފަހަރަށް ކާމިޔާބު އުކުޅެކެވެ. ގިނަ ޕާޓީތައް
އެކުލެވޭ ސިޔާސީ ނިޒާމުގެ ކަންކަން ރާއްޖޭގައި ފެށިގެން އައިއިރު މިއީ ވަރަށް
ގާތުން ތަޖުރިބާކުރަން ލިބުނު ކަމެކެވެ. އޭރު ރާއްޖޭގައި ތިބޭނީ 'އިސްލާހީ
މަސައްކަތަށް' ނުވަތަ 'ބަދަލަކަށް' ތާއީދުކުރާ މީހުންނާއި، 'ދިގު 30 އަހަރަށް'
ތާއީދުކުރާ 'ގައުމަށް ހެވެއް ނޭދޭ' 'ކަޓު' މީހުންނެވެ. މިގޮތަށް ފަރަގު ކުރީމާ
'ކަޓު' މީހުންގެ ތެރޭގައި ވުމުގެ ހިތްވަރު ނެތިކޮށްލެވެ އެވެ.
'އަދަރިންގ' އެއީ ކާމިޔާބު އުކުޅަކަށް ވަނީ އެއީ
އިންސާނީ ތަބީއަތާ ގުޅިފައިވާ ކަމަކަށްވާތީ އެވެ. އިންސާނުންނަކީ ސަފުން ބާކީނުވެ، ބައެއްގެ
ތެރޭގައި ހިމެނުމަށް ލޯބިކުރާ ބައެކެވެ. އިންސާނާގެ ތަބީއަތުގެ މި އެދުން
ބޭނުންކޮށްގެން ސިޔާސީ ލީޑަރުން ޕާޓީގެ ތެރޭގައި ވަރުގަދަ
"އަމިއްލަވަންތަކަމެއް" އުފައްދައި، އެބޭފުޅުންގެ މަގާމު ވަރުގަދަ
ކުރައްވަ އެވެ. އަދި ސިޔާސީ މަސައްކަތަކީ ފިކުރުތަކުގެ ވާދަވެރިކަމެއްގެ
ބަދަލުގައި، "ރަހުމަތްތެރިންނާއި ދުޝްމަނުންގެ" ހަނގުރާމައެއްގެ
ގޮތުގައި ދައްކަ އެވެ. މި ވިސްނުން އަށަގަތުމުން، ކަމުގެ ހަގީގަތަށްވުރެ މުހިންމު ވަނީ ލީޑަރަށް
އޮންނަ ވަފާތެރިކަމެވެ. މީހަކު ދައްކާ ވާހަކައެއް އެއީ ތެދެއްތޯ
ބެލުމުގެ ބަދަލުގައި، ބެލެނީ އެއީ "އަހަރެމެންގެ" މީހެއްތޯ ނުވަތަ
ނޫންތޯ އެވެ.
ނިންމުން
'އަދަރިންގ' އަކީ ހަމައެކަނި
ސިޔާސީ އުކުޅެއް ނޫނެވެ. އެއީ ހަރަކާތެއްގެ ތެރޭގައި މީހުންގެ ވިސްނުން ކޮންޓްރޯލް
ކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. މީގެ ސަބަބުން ފާޑުކިޔާ މީހުން ދުޝްމަނުންނަށް
ބަދަލުވެ، ހިޔާލުތަފާތުވުމަކީ ބޭވަފާތެރިވުން ކަމުގައި ކަނޑައެޅެ އެވެ. މިކަމުގެ
އެންމެ ނުރައްކާތެރި މަރުހަލާއަކީ ވާދަވެރި ޕާޓީތަކުގެ މެދުގައި މިކަން ހިނގުމެއް
ނޫނެވެ. އޭގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ އެތެރޭގައި، ވަފާތެރިކަމުގެ ނަމުގައި މީހުން
އެކަހެރިކޮށްލުމެވެ.
ރަނގަޅު ސިޔާސީ ހަރަކާތެއްނަމަ އެ
ހަރަކާތެއްގެ ލީޑަރުންނަކީ ފާޑުކިޔުމަށް ބިރުގަންނަ ބަޔަކަށް ނުވާނެ އެވެ. އޭނާއާ
ސުވާލު ކުރުމަށްޓަކައި މާލަމަށް ވަދެވޭނީ ވަކި ނޫސްތަކަކަށް އެކަނި ކަމަށް
ކަނޑައެޅުމާއި، ހިތްހަމަ ނުޖެހޭ ސުވާލުކުރާ ނޫސްވެރިންނަށް އަދަބު ދީ، ހުއްޓުވާކަށް މަސައްކަތެއް ނުކުރާނެ އެވެ. ޕާޓީގެ އެތެރެއިން އޭނާއާ ދެކޮޅަށް
އަންނަ ފާޑު ކިޔުންތައް ބަލައިގަންނަން އުނދަގޫވެ، އެކަން ހުއްޓުވުމަށް އެކި
ފިޔަވަޅުތައް އަޅަމުން ނުގެންދާނެ އެވެ.
'އަދަރިންގ' ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް
ލިބެނީ އާންމު ރައްޔިތުންނަށެވެ. ދެބަސްވާ ލީޑަރުން ފަހުން ސަލާންގަލާންކޮށް ޑީލަކަށް
އެއްބަސްވާއިރު، ލީޑަރުންގެ ސަޕޯޓަރުން ތިބެނީ އަލުން މޫނު ދިމާކޮށްލަން ނުކެރޭ ހިސާބަށް
ދުރުވެފަ އެވެ. ފާޑުކިޔާ މީހުން ގިއްގަޅުވައިލުމަށް ވަފާތެރި ސަޕޯޓަރުންގެ
ބޭނުންކުރާއިރު، މިއީ ދާއިމަށް ދެމިއޮންނާނޭ ދެކޮޅުވެރިކަމަކަށް ކޮށޭ މަގެއްކަން
ލީޑަރުގެ ހިތަކަށް ނުވަދެ އެވެ. އެކަމަކުން އޭނާއަށް ކުރާ އަސަރެއް ވެސް ނެތެވެ.
ރޯކުރި ފިތުނައިގެ ހުޅުގައި އަނދައިދާނީ އާންމުންނެވެ.
ސިޔާސީ ހަރަކާތެއްގެ ހަގީގީ ވަރުގަދަކަން
މިނެކިރެނީ ހިޔާލުތަފާތުވާ އަޑުތައް ކަނޑުވާލާ މިންވަރަކުން ނޫނެވެ. އޭގެ
ބަދަލުގައި، އެކަން ބިނާވާނީ އެފަދަ އަޑުތަކާ އެކު ކުރިއަށް ދިއުމަށް ލީޑަރުންގެ
ކިބައިގައި އޮންނަ ކެރުމާއި އިތުބާރުގެ މައްޗަށެވެ.
ސިޔާސީ އަމިއްލަ ވިސްނުމެއް ގެންގުޅުމުގެ ކުށާއި 'އަދަރިންގ' ގެ ނަޒަރިއްޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ