17 އަހަރުގެ މޯރާ އަށް މެކްސިކޯ ފުޓްބޯޅައިގެ ރެކޯޑެއް

މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 12) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި ފަހަރު ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އިން ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ދެކުނު އެފްރިކާ ބަލިކުރި މެޗުގައި ކުޅެ، މެކްސިކޯގެ 17 އަަހަރުގެ ތަރި، ގިލްބާޓޯ މޯރާ ރެކޯޑެއް ހަދައިފި އެވެ. 
މަޝްހޫރު އަޒްޓެކާ ސްޓޭޑިއަަމްގައި ރޭ 80،000 އަށް ވުރެން ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި، މޯރާ ކުޅެން އެރިއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 240 ދުވަހެވެ. މިއީ، މެކްސިކޯގެ ކުޅުންތެރިއަކަު ވޯލްޑް ކަޕްގެ މެޗެއްގައި ފެނިގެންދިޔަ އެންމެ ހަގު އުމުރެވެ. 
މީގެ ކުރިން މި ރެކޯޑް އޮތީ 1930 ގެ ވޯލްޑް ކަޕްގައި މެކްސިކޯ އަށް ކުޅުނު މެނުއަލް ރޮސަސް އަތުގަ އެވެ. އޭނާ އެ ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނުއިރު، އުމުރަކީ، 18 އަހަރާއި 134 ދުވަހެވެ. 
މެކްސިކޯގެ ކްލަބް ޓިޖުއާނާ އަށް ކުޅެމުން އަންނަ މޯރާ، ރޭގެ މެޗުގައި ކުޅެން ނުކުތީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލިއިރު، އޭނާ އަށް ފާއިތުވި ސީޒަނަކީ ކާމިޔާބު އަހަރެކެވެ. އަދި، މިދިޔަ ދެ ސީޒަނުގައި އޭނާ ވަނީ އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ކެރިއަރަުގައި ހޯދައިފަ އެވެ. އެ ގޮތުން، ދެ ސީޒަނަށް ބަލާއިރު، 53 މެޗުން 10 ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. 
ނުވަ ވަނަ މިނިޓްގައި، ޖޫލިއަން ކުއިނޯނޭސްގެ ލަނޑުން ރޭގެ މެޗުގައި މެކްސިކޯ އިން ލީޑުނެގިއިރު، ދެ ވަނަ ހާފުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ރައުލް ހިމެނޭޒް އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ތިން ރަތް ކާޑު ފެނިގެންދިޔަ އެވެ. އެ ގޮތުން، ދެކުނު އެފްރިކާެގެ ދެ ކުޅުންތެރިއަކަށް އަދި މެކްސިކޯގެ އެއް ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މިއީ، ވޯލްޑް ކަޕެއްގެ ތާރީހުގައި ފުރަތަމަ މެޗުގައި އެންމެ ގިނަ ރަތް ކާޑު ފެނިގެންދިޔަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ