ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 12) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މި ފަހަރު ކޮލިފައިވުމަށް ބްރެޒިލުން އުނދަގޫ ދަތުރެއް ކުރަން ޖެހުނު ކަމުގައި ވިޔަސް މުބާރާތުގެ ފުރަތަމަ މެޗަށް އެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ބްރެޒިލްގެ ކީޕަރު، އެލިސަން ބެކާ ބުނެފި އެވެ.
ބްރެޒިލަކީ ފީފާ ވޯލްޑް ކަޕްގެ ހުރިހާ ފަހަރެއްގައި ވާދަކުރި ހަމައެކަނި ޓީމެވެ. އެެހެން ނަމަވެސް، ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ބްރެޒިލަށް މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެ ގޮތުން، އެ ޓީމަށް ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ބުރު ނިންމާލަން ޖެހުނީ، ފަސް ވަނައިގަ އެވެ. އެއީ، އާޖެންޓީނާ، އެކުއެޑޯ، ކޮލަމްބިއާ އަދި އުރުގުއޭ ފަހަތުންނެވެ.
އުމުރުން 33 އަހަރުގެ އެލިސަން ބުނީ، ކޮލިފައިން އަކީ މާޒީ ކަމަށާއި އެންމެ މުހިންމު ކަމަކީ ވޯލްޑް ކަޕަށް ކޮލިފައިވެ، މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުން ފެށިގެން ރަނގަޅު ލެވަލެއްގައި ތައްޔާރުވެ ހުރުން ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުރާ މަސައްކަތް، ފުރަތަަމަ މެޗަށް ވެސް ކިހާ ފުރިހަމަ އަކަށްތޯ ތައްޔާރަށް ތިބީ. އަހަރެމެން ޔަގީނުން ވެސް މި ތިބީ ތައްޔާރަށް،" އެލިސަން ބުންޏެވެ.
ލިވަޕޫލްގައި މިދިޔަ ސީޒަނަކީ އެލިސަން އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ފަަހަރެކެވެ. އެލިސަން ބުނީ، މި ވަގުތުގެ ހާލަތަށް ބަލާނަމަ، އޭނާ ހުރީ ފުރިހަމަ އަށް މެޗު ކުޅެވޭ ހާލަތުގައި ތައްޔާރަށް ކަމަށެވެ. އަދި، ތިން ވަނަ ވޯލްޑް ކަޕެއްގައި ބްރެޒިލް ޓީމަށް ކުޅުމަކީ ކެރިއަރުގައި ވަރަށް ހާއްސަ ކަމެއް ގޮތުގައި އެލިސަން ވަނީ ފާހަގަކޮށްފަ އެވެ.
ސަތޭކަ އަހަރު ތެރޭ ބްރެޒިލުން ފުރަތަމަ ފަހަރަށް އެ ގައުމުން ބޭރުން ގައުމީ ޓީމަށް ގެނައި ކޯޗަކީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ އެވެ. އެލިސަން ބުނީ، އަންޗެލޮޓީ ފަދަ ކޯޗަކާ އެކު ބޮޑު މުބާރާތެއްގައި ވާދަކުރުމަކީ ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި ބްރެޒިލުން ބޭނުންވާ މިސްރާބުން އަންޗެލޮޓީގެ ކޯޗުކަމުގައި ދެވޭނެ ކަމުގެ އިތުބާރު ޓީމުގެ ކުޅުންތެރިންނަށް ވެސް އެބައޮތް ކަމަށެވެ.
ބްރެޒިލުން ވޯލްޑް ކަޕް ކާމިޔާބުކުރީ މީގެ 24 އަހަރު ކުރިން، 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ފަހުން އެ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިނުވާއިރު، މި ފަހަރު އަންޗެލޮޓީއާ އެކު އެ ޓީމު ނުކުންނަނީ ތަފާތު ދެއްކުމަށެވެ. އެލިސަން ބުނީ، އަންޗެލޮޓީ މައިގަނޑު ކަމެއްގެ ގޮތުގައި މަސައްކަތްކުރަނީ ޑިފެންސް ރަނގަޅުކުރަން ކަމަށާއި ސަބަަބަކީ ޓީމުގެ ކުޅުންތެރިންގެ ކޮލިޓީ އަށް ބަލާއިރު، ގޯލު ޖެހުމަކީ އެ ޓީމަށް މާ އުނދަގޫވާނެ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ.
ބްރެޒިލުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 13 ވަނަ ދުވަހު ބައްދަލުކުރާނީ އެފްރިކާގެ ޗެމްޕިއަން، މޮރޮކޯއާ އެވެ.
ކޮލިފައިން ބުރަކީ މާޒީ، ބްރެޒިލް ވޯލްޑް ކަޕަށް ތައްޔާރު: އެލިސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ