ބަފާ މީހާ ބޯ ބަނގުރަލުގެ ނުރައްކާ އުފަންވާ ދަރިފުޅުގެ ސިއްހަތަށް ވަރަށް ބޮޑު

ދަރިމައިވުމާއި މާބަނޑު ދުވަސްވަރު ބޭނުންކުރާ ތަކެއްޗާ ބެހޭގޮތުން ވާހަކަދެކެވޭއިރު، ގިނަ ފަހަރަށް ސަމާލުކަން ހުއްޓެނީ ހަމައެކަނި މައިމީހާއަށެވެ. ނަމަވެސް އާ ދިރާސާތަކަކުން ދައްކާގޮތުގައި، ދަރިފުޅުގެ ސިއްހަތާއި ހެދިބޮޑުވުމުގައި ބަފާ މީހާ ބޯ ބުއިންތަކުގެ، ހާއްސަކޮށް ބަނގުރަލުގެ ނުފޫޒު ވަރަށް ބޮޑެވެ. މިއީ މީގެ ކުރިން މާ ބޮޑު އަހަންމިއްޔަތެއް ދެވިފައި ނުވާ ނަމަވެސް، ސައިންސްވެރިން މިހާރު އިންޒާރު ދެމުންދާ މުހިންމު ކަމެކެވެ.
ވޭތުވެދިޔަ 50 އަހަރު ދުވަހު ސައިންސްވެރިން ބުނަމުން އައީ މާބަނޑު ދުވަސްވަރު މައިމީހާ ބަނގުރާ ބުއިމަކީ ކުއްޖާގެ ސިކުނޑި ހެދިބޮޑުވުމަށާއި، އުޅުމަށާއި، މޫނުމަތީގެ ބައްޓަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ކިޔަނީ ފީޓަލް އެލްކަހޮލް ސްޕެކްޓްރަމް ޑިސްއޯޑާސް ނުވަތަ އެފްއޭއެސްޑީ އެވެ. ނަމަވެސް، ބައެއް މައިން ބަނގުރާ ބޭނުން ނުކުރި ނަމަވެސް، އެފްއޭއެސްޑީގެ އަލާމާތްތައް ހުންނަ ކުދިން އުފަންވާކަން ފާހަގަކުރެވިފައިވެ އެވެ. މިފަދަ ހާލަތްތަކުގައި ބަފާ މީހާއަކީ ގަވާއިދުން ބަނގުރާ ބޯ މީހެއްކަން ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.
ޓެކްސަސް އޭ އެންޑް އެމް ޔުނިވާސިޓީގެ ދިރާސާވެރިއެއް ކަމަށްވާ މައިކަލް ގޯލްޑިންގް ވިދާޅުވާ ގޮތުގައި، ދަރިމައިވުމާ ބެހޭ ދިރާސާތައް މިހާތަނަށް ބޮޑަށް އަމާޒުވެފައިވަނީ ހަމައެކަނި އަންހެނުންނަށެވެ. ނަމަވެސް ފިރިހެނުންގެ ދައުރާ މެދު ކުރެވުނު އާ ދިރާސާތަކުން ހައިރާންކުރުވަނިި ނަތީޖާތަކެއް ވަނީ ފެނިފައެވެ.
ޗައިނާގައި ބައި މިލިއަނަށްވުރެ ގިނަ ދެމަފިރިން ބޭނުންކޮށްގެން 2021 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ދަރިމައިވުމުގެ ކުރިން ބަފާ މީހާ ބަނގުރާ ބޯނަމަ، ކުއްޖާގެ ތުންފަތް ކަފިވުމާއި، ހިތުގެ ބަލިތައް ފަދަ އައިބުތައް ހުރުމުގެ ފުރުސަތު ބޮޑެވެ.
ގޯލްޑިންގްގެ ޓީމުން މީދާ ބޭނުންކޮށްގެން ކުރި ތަޖުރިބާތަކުން އެނގުނު ގޮތުގައި، ބަފާ މީހާ ބަނގުރާ ބޭނުންކުރުމުން ދަރިފުޅުގެ ދަތްތަކުގެ ދެމެދުގައި ހުންނަ ހުސްތަނާއި، ލޮލުގެ ސައިޒާއި، މޫނުގެ ބައްޓަމަށް ބަދަލު އާދެއެވެ. ބައެއް ފަހަރު މައިމީހާއަށްވުރެ ބޮޑަށް ބަފާ މީހާ ބޯ ބުއިމުން ކުއްޖާގެ ހަށިގަނޑަށް ކުރާ އަސަރު ބޮޑުވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން، މިފަދަ ކުދިންގެ އުޅުމަށާއި ކަންކަން ދަސްކުރުމުގެ ބާރަށް ވެސް ނޭދެވޭ އަސަރު ކުރެއެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ އެޕިޖެނެޓިކްސްގެ ސަބަބުން ދިމާވާ ކަމެކެވެ. ބަނގުރަލުގެ ސަބަބުން ފިރިހެނާގެ ދަރިފަނި ނުވަތަ ސްޕާމްގެ ޑީއެންއޭ އަށް ބަދަލު އާދެއެވެ.
މި ބަދަލުތަކުގެ ސަބަބުން ދަރިފުޅު އުފެދިގެން އަންނައިރު ބައެއް ޖީންތައް މަސައްކަތްކުރާ ގޮތް ބަދަލުވެ، ސިއްހީ މައްސަލަތަކަށް މަގުފަހިވެއެވެ. މިއީ ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ ދަރިންނަށް ލޭގެ ކެންސަރާއި އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ސަބަބާ އެއްގޮތް ކަމެކެވެ.
މި ދިރާސާތަކުން އެނގިގެންދަނީ ދަރިއަކު ހޯދުމަށް ނިންމާއިރު، ހަމައެކަނި މައިމީހާގެ ސިއްހަތަށް ބެލުމަކުން ނުފުދޭނެ ކަމެވެ. ބަފާ މީހާގެ ސިއްހަތާއި އާދަކާދަތަކަކީ ވެސް އުފަންވާ ދަރިފުޅުގެ މުޅި އުމުރަށް އަސަރުކުރާނެ ކަންކަމެވެ. އެހެންކަމުން، ދަރިއަކު ހޯދުމުގެ ތިން މަސް ކުރިން ބަފާ މީހާ ބަނގުރަލާ ދުރުވުމަކީ ދަރިފުޅަށް ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަމެވެ. މިއީ ދެމަފިރިން އެކުގައި އުފުލަންޖެހޭ ޒިންމާއެއް ކަމަށް ސައިންސްވެރިން އިއްތިފާގުވެ އެވެ.
މައުލޫމާތު: ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ