'ސާވްދާން އިންޑިއާ'ގެ ޕްރޮޑިއުސަރު ހޮލީވުޑް ފިލްމެއް އުފައްދަނީ

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ސާވްދާން އިންޑިއާ" އަދި "ކްރައިމް ޕެޓްރޯލް"ގެ ސީރީސްތައް ގެނެސްދިން ޕްރޮޑިއުސަރު ޝަފީގް ރަޙްމާން ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު އުފައްދަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފެޝަންގެ ދާއިރާގެ މަޝްހޫރު ވިޔަފާވެރިޔާ ޝަފީގް ރަޙްމާންގެ ފުރަތަމަ ހޮލީވުޑް ފިލްމަކީ "ދަ އެމްޕްޓީ އެޑްރެސް"ގެ ނަމުގައި އުފައްދާ ފިލްމެކެވެ. ހޮލީވުޑްގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ޝަފީގް ހާމަކޮށްފައިވާއިރު، "ދަ އެމްޕްޓީ އެޑްރެސް"އަކީ ކޮމެޑީ، ސަސްޕެންސް އަދި ލޯބީގެ ވާހަކައެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ޕްރޮޑިއުސަރު ޝަފީގްގެ އަމިއްލަ ބެނާ 'ދަ ސްޓާ ލައިފް ހައިދަރުއާބާދު'ގެ ދަށުން އުފައްދާ ފިލްމު "ދަ އެމްޕްޓީ އެޑްރެސް" ގެނެސްދޭނީ އިނގިރޭސި، ހިންދީ އަދި ތެލުގޫ ބަހުންނެވެ. އެމެރިކާ އަދި ޔޫއޭއީގައި މި ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގަން ހަމަޖެހިފައިވާއިރު ފިލްމުގެ ކާސްޓުންނާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް ޝަފީގް ވަނީ ބުނެފައެވެ. ޕްރޮޑިއުސަރު ޝަފީގް ރަޙްމާން ބަތަލާ ސާރާ އަލީ ޚާންއާ އެކު އެވޯޑު ހަފްލާއެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ޝަފީގު ވަނީ އަމިއްލަ ކުންފުނި 'ދަ ސްޓާ ލައިފް ހައިދަރުއާބާދު' މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 އަށްވުރެ ގިނަ ފެޝަން އަދި ލައިފްސްޓައިލް ހަރަކާތްތައް ބާއްވާފައެވެ. ޝަފީގް ފިލްމީ ދާއިރާއަށް ތައާރަފުވެފައިވަނީ 2015 ވަނަ އަހަރު 'ލައިފް އޯކޭ'އިން ދެއްކި ހޮރޯ ކޮމެޑީ ޝޯ 'ޒިންދަގީ އަބީ ބާކީ ހޭ މޭރޭ ގޯސްޓް'އިންނެވެ. އޭގެ ފަހުން، ޝަފީގު ވަނީ އިންޑިއާގެ މަޝްހޫރު އެތައް ޓީވީ ޝޯތަކެއް ޕްރޮޑިއުސްކޮށްފައެވެ. އޭގެ ތެރޭގައި، 'ސާވްދާން އިންޑިއާ'، 'ފިއަ ފައިލްސް'، 'ކްރައިމް ޕެޓްރޯލް' އަދި 'ނަޒަރު' ފަދަ މަގުބޫލު ޕްރޮގްރާމްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ